ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދުވާފަރު ސްކޫލަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ހާއްސަ ހުއްދައެއް ދޫކޮށްފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބުނީ ކޮމިއުނިޓީ ބްރޯޑްކާސްޓިން ހިދުމަތަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދެވިދާނެ ހިދުމަތެއްތޯ ބެލުމަށްޓަކައި އަޖުމަ ބެލުމުގެ ގޮތުން ހާއްސަ ހުއްދައެއް ދޫކޮށްފައިވާ ކަމަށާއި އެ ހުއްދަ ދިނީ ރ. ދުވާފަރު ޕްރައިމަރީ ސުކޫލަށް ކަމަށެވެ. އެ ސްކޫލުން ކޮމިއުނިޓީ ބްރޯޑްކާސްޓިން ޗެނަލް ހިންގާނީ “ދުވާފަރު ޕްރައިމަރީ ސްކޫލް ޗެނަލް”ގެ ނަމުގަ އެވެ. އެ ހުއްދައިގެ ދަށުން ހިދުމަތް ދޭނީ ރ. ދުވާފަރު ސަރަހައްދަށެވެ.

އެ މަޝްރޫއު އިފްތިތާހުކުރުމުގެ ގޮތުންނާއި ދުވާފަރު ޕްރައިމަރީ ސްކޫލަށް އެ ހުއްދަ ލިބުމާއި ގުޅިގެން އެކަމަށް މަރުހަބާ ކިޔުމުގެ ގޮތުން އެ ސްކޫލާއެކު މިއަދު ކޮމިޝަނުން ބޭއްވި ޒޫމް މީޓިންއެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް މިއީ ވަރަށް ފައިދާ ހުރި މުހިންމު ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތް ދޭ ފަރާތްތަކަށް ކޮމިޝަނުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ވަގުތީ ހިދުމަތް ދޭން ހުޅުވާލާފައި ވަނީ ތައުލީމީ ދާއިރާއިންނެވެ. މި ހުއްދަ ދޫކުރަނީ ހަ މަސް ދުވަހުގެ މުއްދަތަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!