ނިޔާވެފައިވާ ފަރާތަކަށް ނިޔާވިފަހުން ފައިސާ ދިން މައްސަލައެއް

ލޮކްޑައުންގެ މުއްދަތުގައި ރާއްޖޭން ބޭރުގައި ނިޔާވެފައިވާ ފަރާތަކަށް، ނިޔާވި ތާރީޚުގެ ފަހުން ފައިސާގެ އެހީ ދީފައިވާ މައްސަލައެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފެންމަތިކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އާސަންދަ އަދި އެންސްޕާ އިން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ކޮވިޑް19 ކޮމްޕަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އާސަންދަ އިން ބޭސްފަރުވާ ކުރުމަށް އިންޑިއާ އަދި ސްރީލަންކާއަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ހާލުގައި ޖެހިފައިވާ މީހުންނަށް ފައިސާގެ އެހީ ދީފައިވާ ގޮތް ޗެކުކުރުމުގައި، ލޮކްޑައުން ގެ މުއްދަތުގައި ރާއްޖޭން ބޭރުގައި ނިޔާވެފައިވާ ފަރާތަކަށް، ނިޔާވި ތާރީހުގެ ފަހުން ފައިސާގެ އެހީ ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރުގައި ހުރި ފަރާތެއް، 15 އޭޕްރީލް 2020 ގައި ނިޔާވެފައިވާކަން އޮޑިޓަރުންނަށް ލިބިފައިވާ ލިޔެކިޔުންތަކުން ފާހަގަވި ކަމަށާއި ބަލިމީހާ ނިޔާވިކަން 16 އޭޕްރީލް 2020 ގައި ހޮސްޕިޓަލުން އާސަންދަ ކުންފުންޏަށް އަންގާފައިވާ ކަމަށް އާސަންދަ ކުންފުނިން އޮޑިޓަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ނަމަވެސް، އެ ފަރާތް ނިޔާވި ތާރީޚުގެ ފަހުން އާސަންދަ ކުންފުނިން އަދި އެންސްޕާއިން ފައިސާގެ އެހީގެ ގޮތުގައި 9،898 ރުފިޔާ އެ ފަރާތުން ދީފައިވާ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ ނިޔާވެފައިވާ ފަރާތަށް ނިޔާވި ފަހުން ދީފައިވާ ފައިސާ ދިނުމުގައި އިހުމާލު ވެފައިވާ މުވައްޒަފުން މެދުވެރިކޮށް، މި ފައިސާ ހޯދާ ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށް އަންގާފައެވެ. އަދި ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތަށް ލިބޭ ގެއްލުންތަކަށް އެ މުވައްޒަފުން ޒިންމާ އުފުލަން ޖެހޭނެ ކަމަށާއި މިފަދަ މައްސަލައެއްގައި އެ މުވައްޒަފަކު އިއުތިރާޒު ކުރާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ މައްސަލައެއް ހުށަހަޅަންޖެހޭ ފަރާތަކަށް ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!