ޖެންޑަރ މިނިސްޓަރ ކޮމަންވެލްތު މިނިސްޓަރސް މީޓިންގ ގައި ބައިވެރިވެވަޑައިގެންފި

“ވަރޗުއަލް މީޓިންގ އޮފް ކޮމަންވެލްތު މިނިސްޓަރސް ފޮރ ވިމެންސް އެފެއަރޒް އެންޑް ޖެންޑަރ އެންޑް ޑެވެލޮޕްމަންޓް އޮން ކޮވިޑް-19” ގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގެ މަގްސަދަކީ ކޮވިޑް-19 ގެ ސަބަބުން އިއުލާންކުރި ލޮކްޑައުންއާއެކު ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުން އިތުރުވަމުން ދިއުމާއި، މި ހައްސާސް ވަގުތުގައި އެކި ފަރާތްތައް ތަހައްމުލު ކުރަމުންދާ އިޖުތިމާއީ އަދި އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތަކުން ކުރަމުންގެންދާ މަސައްކަތްތައް ހިއްސާކޮށް، ދޭދޭ ގައުމުތަކުގެ މެދުގައި ހިޔާލު ބަދަލުކުރުން ކަމަށެވެ.

އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން ކެންޔާ، ބާބަޑޯސް، ސްޕެއިން، ސައުތު އެފްރިކާ، ބަންގްލަދޭޝް، ރުވާންޑާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެމެރޫން، ސީޝެލްސް، ނައިޖީރިއާ، ގްރެނާޑާ، ޖެމެއިކާ، ގަޔާނާ، ކެނެޑާ، ބަހާމަސްގެ ހައި ލެވެލް މަންދޫބުން ބައިވެރިވެވަޑައިގެންފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މި ބައްދަލުވުމުގައި ކޮވިޑް-19ގެ ފުރަބަންދާ ގުޅިގެން ރިޕޯޓުކުރެވޭ ގެވެށި އަނިޔާއާއި، އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާއާ ގުޅޭ ގޮތުން މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވާހަކަފުޅު ދައްކަވައިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!