ރާއްޖެ ސަފީރާ ބައްދަލު ކުރައްވާ ނަމަލް ދިވެހި ބަހުން ޓްވީޓު ކުރައްވައިފި

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު ރައްގާޒާއެކު މިއަދު ބޭއްވެވި ބައްދަލްވުމަށް ފަހު ލަންކާގެ ޔޫތު މިނިސްޓަރު ނަމަލް ރާޖަޕަކްސާ ދިވެހި ބަހުން ޓްވީޓެއް ކުރައްވައިފި އެވެ.

އޭނާ ވިދާޅުވީ، ސަފީރުއާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި، ކުޅިވަރާއި ޒުވާނުންގެ ރޮނގުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެއީ ލިބިވަޑައިގެންނެވި އުފަލެއް ކަަމަށް ވިދާޅުވިއެވެ. ޓްވީޓް ނިންމަވާލައްވަމުން ލަންކާގެ މިހާރުގެ ރައީސް މަހިންދަ ރާޖަޕަކްސްގެ ދަރިކަލުން ނަމާލް ވިދާޅުވީ، ރާއްޖެއާ ލަންކާ އަކީ ގާތް އެކުވެރި ދެ ގައުމު ކަމަށާއި، އަބަދުވެސް އެ ގުޅުން ދެމި އޮންނާނެ ކަމަށެވެ.

“ރާއްޖެ އަދި ލަންކާއަކީ ގާތް އެކުވެރި ދެ ގައުމު،” ދިވެހި ބަހުން ނަމަލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ނަމާލް ލަންކާގެ ޔޫތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުން ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވެސް ވަނީ ނަމާލް އަށް މަރުހަބާ ދަންނަވާ ސަރަހައްދުގެ ކުޅިވަރުގެ ކަންކަން ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!