އެމްޑަބްލިއުއެސްސީގެ ފްލެޓަށް އެދުނު އެންމެންނަށް ފްލެޓް ލިބިއްޖެ

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފްލެޓަށް ކުރިމަތިލި 72 މުވައްޒަފުންނަށް ވެސް ފްލެޓް ޔަގީންވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ފުރަތަމަ ޓަވަރުގެ ސްޓްރަކްޗާ ނިންމައި ރޭނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. މިގޮތުން މިހާރު 55 އިންސައްތަ އާއި 60 އިންސައްތަ އާއި ދެމެދަށް މަސައްކަތް ނިންމާލާފައިވާކަމަށް ޝާހު ވިދާޅުވިއެވެ. އަދި ރޭނުމުގެ މަސައްކަތުގެ ތެރެއިން 6 ފަންގިފިލާއިން 9 ވަނަ ފަންގިފިލާއަށް އަދި 10 ވަނަ ފަންގިފިލާއިން 14 ވަނަ ފަންގިފިލާ އާއި ހަމަޔަށް އެ މަސައްކަތް ވަނީ ނިންމާލާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން އަޅާ 15 ފަންގިފިލާގެ ޓަވަރުގައި އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ބޮޑުމިނަކީ 393.95 އަކަފޫޓާއި 405.18 ދެމެދެވެ. ދެ ކޮޓަރީގެ އެޕާޓުމެންޓު ތަކުގެ ބޮޑުމިނުގައި 692.63 އަކަފޫޓާއި 702.08 އަކަފޫޓު ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ސައިޒު އުޅެނީ 734 އަކަ ފޫޓާއި 720.08 އަކަފޫޓާ ދެމެދުގައެވެ.

މި ޓަވަރު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާގެ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިންމެޓަލްސް އިންނެވެ.

އެމްޑަބުލިއުއެސްސީން ވިދާޅުވީ މި ފްލެޓަށް ކުރިމަތިލި 72 މުވައްޒަފަކަށް ފްލެޓް ޔަޤީންވެފައިވާކަމަށާއި އަދިވެސް ކުންފުނީގެ މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އެބައޮތްކަމަށެވެ. ފްލެޓު ލިބޭ މުވައްޒަފުންނަށް ފައިސާ ދެއްކުމުގެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ވާހަކަ ދައްކަމުން ގެންދާކަމަށާއި އެކަމަށް ކުރިއެރުންވެސް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!