ކޮވިޑް ބައްޔަށް ވެކްސިނެއް ހޯދުމުގައި އެމެރިކާ ދުނިޔެއާ ބައިވެރި ނުވާނެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯއިން) ދުނިޔޭގެ ގައުމުތަކާ ގުޅިގެން ކޮވިޑް-19ށް ވެކްސިން ހޯދުމަށް ކުރާ މަސައްކަތުގައި ބައިވެރިނުވާން އެމެރިކާއިން ނިންމައިފިއެވެ.

އަންގާރަ ދުވަހު ވައިޓް ހައުސްއިން ނެރިފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ގައުމުތަކުން ގުޅިގެން އުފައްދާ ވެކްސިން ޕްރޮގްރާމްގައި އެމެރިކާ ބައިވެރިނުވާން ނިންމީ ޑަބްލިޔުއެޗްއޯ އިސްކޮށް ހަރަކާތްތެރިވާތީއެވެ.

މިނިންމުން ނިންމާފައިވަނީ ކޮވިޑް-19ގެ ހާލަތު އެގައުމުގައި ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ހަމިލިއަންއަށްވުރެ ގިނަ މީހުން ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.

ގައުމުތަކުން އުފައްދާ މިވެކްސިން ޕްރޮގްރާމް ”ކޮވެކްސް”ގައި މިހާތަނަށް 170 ގައުމުން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ވައިޓްހައުސްގެ ސްޕޯކްޕަރސަން ވިދާޅުވީ ވެކްސިން އުފައްދަން ގައުމުތަކުން ކުރާ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް ޗައިނާއަށް ވާގިވެރިވެދޭ ކަމަށް ތުހުމަތުކޮށް ޑަބްލިޔުއެޗްއޯއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ނުދޭ ކަމަށް ސްޕޯކްޕަރސަން ވިދާޅުވިއެވެ.

ސްޕޯކްޕަރސަން ވިދާޅުވީ ވެކްސިން އުފެއްދުމަށް ކުރާ މަސައްކަތަށް ކިތަންމެ ބޮޑު ހަރަދެއްކޮށްގެން ވިޔަސް އެވެކްސިން އުފައްދާނީ އެމެރިކާގެ ފުޑް އެންޑް ގްރަގް އޮތޯރިޓީގެ ގޯލްޑް ސްޓޭޑަޑް އަދި ސޭފްޓީ މިންގަނޑުތަކަށް ފެތޭ މިންވަރަށް ކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދަން ބައެއް ގައުމުތަކުން މަސައްކަތްކުރަމުން ދާއިރު އަނެއްބައި ގައުމުތަކުން ދަނީ މި ބައްޔާއި ދެކޮޅަށް ކާމިޔާބު މަސްކަތްތަކެއް ކުރެވޭތޯ ގަަދައަޅައި މަސައްކަތް ކުރަމުންނެވެ. ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ވަކި ކުންފުނިތަކަކާއި ގުޅިގެން ކޮވިޑް-19 އަށް ވެކްސިންއެއް ހޯދަން މަސައްކަތްކުރާ ގައުމުތަކަށް ވެސް ކޮވެކްސް އާއި ގުޅުމުންފައިދާ ވާނެ އެވެ. އެއީ ވަކިވަކި ކުންފުނިތަކާއި ގުޅިގެން އުފައްދާ ވެކްސިން ނާކާމިޔާބުވެއްޖެނަމަ ކޮވެކްސް އިން ބެކަޕް ވެކްސިނެއް ލިބޭނެތީ އެވެ.

އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުނި މޮޑޭނާއިން ދަނީ އެމީހުން އުފައްދާ ވެކްސިންގެ ޓްރަޔަލްގެ ތިންވަނަ ފޭސްގެ މަސައްކަތް ކުރަމުންނެވެ. އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމުގައިވާ އަސްޓްރާޒެނެކާ އިން ބުނެފައި ވަނީ އެމީހުން އުފައްދާ ވެކްސިންގެ ވެސް ފައިނަލް ސްޓޭޖަށް ދެވިފައިވާ ކަމަށެވެ.

ރަޝިއާ، ޗައިނާ އިން ވަނީ އެ މީހުންގެ ދެ ވެކްސިނެއް އިއުލާން ރަޖިސްޓަރީ ކޮށްފަ އެވެ. އަދި އޮސްޓްރޭލިއާއިން ބުނެފައިވަނީ ވެކްސިނުގެ ތިންވަނަ ފޭސްގައި މަސައްކަތް އޮތް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!