ކައިލީ ޖެނާ ފަލަސްތީނު މީހަކާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް!

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި އަދި މުއްސަނދި ވިޔަފާރިވެރިޔާ ކައިލީ ޖެނާ ގެ އާ ލޯބިވެރިޔަކީ ފަލަސްތީނު މީހެއް ކަމަށް މީޑިއާތަކުގައި އަޑުފެތުރެން ފަށައިފިއެވެ.

އެގޮތުން 23 އަހަރުގެ މަހުޖަނާ ގުޅުވައިގެން މިފަދަ އަޑުތަކެއް އަރާފައި މިވަނީ، ފަހަކަށް އައިސް ކައިލީ ހިއްސާކުރާ ގިނަ ފޮޓޯތަކުގައި ފަލަސްތީނަށް ނިސްބަތްވާ މޮޑެލް އެއް ކަމަށްވާ ފައި ޚަދްރާ ހުރުމުންނެވެ. ކައިލީ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯ ތަކަކީ ޗުއްޓީ ހޭދަކުރަން ގޮސް ނަގާފައިވާ ފޮޓޯތަކެކެވެ. އަދި އޭގެތެރެއިން ބައެއް ފޮޓޯތަކުގައި ކައިލީއާ ދާދި ކައިރީގައި ފައި ހުއްޓިލައިގެން ހުންނަ ހުރުން ގިނަ ބަޔަކު ސިފަކޮށްފައިވަނީ، ދެލޯބިވެރިން އެކުގައި ނަގާފައިވާ ފޮޓޯތަކެއްގެ ގޮތުގައެވެ.

ކައިލީ ޖެނާ، ފައި ޚަދްރާއާއެކީ ނަގައި އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއް

ފައި އަކީ ފަލަސްތީނަށް ނިސްބަތްވާ، ސައުދީ އަރަބިއާއަށް އުފަން މީހެކެވެ. އަދި ފައި އުޅެބޮޑުވީ ދުބާއީގައި ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ. ހަމައެހެންމެ، ފައި އަކީ ކައިލީގެ ދައްތަ ކެންޑަލް ޖެނާގެ ވެސް ވަރަށް ގާތް އެކުވެރިއެކެވެ.

ކައިލީއާއި ފައި އެކުގައި އެންމެ ފުރަތަމަ ފެނިފައިވަނީ، މީގެ ދެތިން މަސް ކުރިން އޮތް ނައިޓްކްލަބަކަށް އަތުގުޅުވާލައިގެން ދަނިކޮށް ނަގާފައިވާ ފޮޓޯތަކަކުންނެވެ. އެއަށްފަހު އެދެމީހުންނާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައެވެ. ނަމަވެސް ރައްޓެހިވެގެން އުޅޭކަން ދެމީހުންކުރެ އެކަކު ވެސް ޔަގީން ކޮށްދީފައެއް ނުވެއެވެ.

ކައިލީ އެންމެފަހުން ރައްޓެހިވެގެން އުޅުނީ ލަވަކިޔުންތެރިޔާ ޓްރޭވިސް ސްކޮޓް އާއެވެ. އަދި އެދެމީހުންނަށް ވަނީ މީގެ ދެ އަހަރު ކުރިން ދަރިއަކުވެސް ލިބިފައެވެ. ނަމަވެސް ދަރިއެއް ލިބުން ފަހުން ދެމީހުން ވަކިވީ ކޮން ސަބަބަކާހުރެ ކަމެއް ނޭނގެއެވެ. އެހެނަސް، ކަރަންޓީނު ދުވަސްވަރު ދެމީހުން އެއްކޮށް ކައިލީގެ ގޭގައި ކަރަންޓީނުވެގެން އުޅެފައިވެއެވެ. އޭރު ގިނަ ބަޔަކު ހީކުރީ އެދެމީހުން އަލުން ރައްޓެހިވީ ކަމަށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ ދަރިފުޅު ސްޓޯމީ ވެބްސްޓާއަށް ވަގުތު ދިނުމުގެ ގޮތުން ކުރި ކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!