ރިއާގެ ދިފާޢުގައި ނުކުތުމުން ވިދްޔާއާއި ޝިބާނީ އަށް ފާޑުކިޔުން

އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ މައްޗަށް ސުޝާންތުގެ އާއިލާގެ ފަރާތުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާތީ، މީޑިއާތަކުން ރިއާގެ އަގު ވެއްޓޭގޮތަށް ޙަބަރުތައް ލިޔަމުން އަންނާތީ ރިއާގެ ދިފާޢުގައި ވާހަކަ ދެއްކި ބައެއް ތަރިންނަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

 ތާޕްސީ ޕަންނޫއާއި ސްވަރާ ބާސްކަރް އަށްފަހު ރިއާ ދިފާޢުކޮށް ޓުވިޓާގައި ވާހަކަ ދައްކާފައިވަނީ މަޝްހޫރު އެކްޓްރެސް ވިދްޔާ ބަލަން އާއި ލަވަކިޔުންތެރިޔާ ޝިބާނީ ދަންޑޭކަރް އެވެ. އެގޮތުން ދިވްޔާ ވަނީ އެހެން ތަރިއަކު ކުރި ޓުވީޓަކަށް ތައުރީފުކޮށް، ސުޝާންތު ކަހަލަ ޒުވާން ހުނަރުވެރިއެއްގެ މަރުގެ ވާހަކަ މީޑިއާތަކުން ބޮޑު ޖޯކަކަށް ހަދާފައިވާ ކަމަށް ބުނެފައެވެ. އަދި އަންހެނަކަށްވެ ހުރެ، ރިއާ ތަހައްމަލުކުރަމުންދާ ހިތްދަތިކަން އޭނާއަށް ވެސް އިހުސާސްވާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ވިދްޔާގެ ޓުވީޓުގައި ބުނީ، ކުށްވެރިއެއްކަން ސާބިތު ނުކޮށްދެވޭހާ ހިނދަކު ކޮންމެ މީހެއް ވެސް ވާނީ ކުށެއް ނެތް މީހެއް ކަމަށާއި، ނަމަވެސް މިހާރު ފެންނަމުން ދަނީ އޭގެ އިދިކޮޅަށް މީހުން ޤަބޫލުކުރަމުންދާ ތަން ކަމަށެވެ.

ޝިބާނީ ވެސް ވަނީ ބޮޑު ޓުވީޓެއް ކޮށް، ރިއާ ދިފާއުކޮށްފައެވެ. އެގޮތުން ޝިބާނީ ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، ރިއާގެ މަންމަގެ ބަލި ހާލަތާއި، ސުޝާންތުގެ މަރަށްފަހު ރިއާގެ އާއިލާއަށް ކުރިމަތިވެފައިވާ ކަންތައްތައް ހިމެނެއެވެ. ހަމައެހެންމެ، މީހެއްދެކެ ލޯބިވެ އެމީހެއްގެ އެންމެ ކަޅު ދުވަސްތަކުގައި އެމީހަކަށް އަޅައިލުމަކީ ޤާނޫނީ ކުށެއްތޯ ސުވާލު އުފައްދާއިވެއެވެ. އެ ސުވާލާއެކު ޝިބާނީ އިޝާރަތްކޮށްފައި ވަނީ ސުޝާންތު ޑިޕްރެޝަނާ ހަނގުރާމަ ކުރަމުން ދިޔައިރު އޭނާގެ ކައިރީގައި އަޅައިލާން ރިއާ ހުރި ކަމަށެވެ.

ކޮންމެއަކަސް، ދިވްޔާއާއި ޝިބާނީގެ ޓުވީޓު ވައިރަލް ވުމާއެކު އިންޑިއާގެ އާންމުންގެ އެތައް ބަޔަކު ވަނީ ޓުވިޓާގަ އެދެމީހުންނަށް ފާޑުކިޔައިފައެވެ. އެގޮތުން އެއްބަޔަކު ބުނީ، ސުޝާންތުގެ މަރުގެ މައްސަލައިގައި މިހާރު ރިއާގެ މައްޗަށް މަސްތުވާތަކެއްޗާ ބެހޭ ތުހުމަތުތަކެއް ކުރި ހިސާބުން ބޮލީޑްގެ ތަރިން އެކަންތައް އޮއްބައިލަން އުޅެނީ ކަމަށެވެ. އަދި ރިއާއާއި ރިއާގެ އާއިލާ ދިފާއުކޮށް ޓުވީޓުކުރި އިރު، ސުޝާންތުގެ އާއިލާއާ އެއްކޮޅަށް ބަހެއް ބުނަން ނުކެރުނީތީ ސުވާލު އުފައްދާފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!