ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ދެމެހެއްޓިއްޖެނަމަ ރަނގަޅު ނަތީޖާ ފެންނާނެ: ޑރ ނަޒްލާ

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓިއްޖެނަމަ ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތަށް އަންނަމުންދާ ބަދަލު އެ ސެންޓަރުން ވަރަށް ގާތުން ބަލާ މޮނިޓަރކުރަމުންދާކަމަށެވެ. އަދި އާއްމުގޮތެއްގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އަސަރު ފެންނަން ދެތިން ހަފްތާގެ މުއްދަތެއް ނަގާކަންވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

މިހާރު ބަލި ފެތުރެމުންދާ މިންވަރާއި ޙާލަތަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ޚަރުދަނާކުރުމަށްވުރެ، މިހާރު އަޅާފައިހުރި ފިޔަވަޅުތައް ރަނގަޅުގޮތުގައި ދެމެހެއްޓިއްޖެނަމަ، ބަލި ފެތުރުން ކޮންޓްރޯލްކުރުމުގައި ރަނގަޅު ކާމިޔާބީތަކެއް ލިބިދާނެކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަށްވެސް ފެނިވަޑައިގަންނަވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

“ޙާލަތު ވަރަށް ގާތުން މިދަނީ މޮނިޓަރކުރަމުން. ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށްވުރެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަށްވެސް ފެންނަނީ މިހާރު ހުރި ފިޔަވަޅުތައް ދެމެހެއްޓިއްޖެނަމަ މިކަމުގައި ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެއޭ. ބަލި ފެތުރުން ކޮންޓްރޯލްކުރުމުގައި ކާމިޔާބުވެދާނެއޭ” ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަތޮޅުތަކުގައި އެކްޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާދިއުމަށް އިޝާރާތްކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ، ރަށްރަށުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވަމުންދަނީ އެކި ބޭނުންތަކުގައި މާލެއައުމަށްފަހު އެނބުރި ރަށަށްގޮސް ކަރަންޓީން ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިންކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ބަލި ފެތުރޭ ޢަދަދު އިތުރުވާ ވަރަކުން މާލެއިން ރަށްރަށަށްގޮސް ފުރަބަންދު ކަރަންޓީން ފުރިހަމަ ކުރާ މީހުންގެ ތެރެއިންވެސް ބަލިޖެހޭ މިންވަރު އިތުރުވާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ.

އަދި ރަށްރަށުގައިވެސް ދޭތެރެ ދޭތެރެއިން އެކްޓިވް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ޤަވާއިދުން ކުރަމުންދާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!