ގޭގައި މަސައްކަތްކޮށް އާމްދަނީ ހޯދާ މީހުން ވިޔަފާރި ރަޖިސްޓަރީ ކުރާކަށް ނުޖެހޭ

ގޭގޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިޔަފާރި އުސޫލުން ވިއްކާނަމަ ރަޖިސްޓަރ ކުރަން އެންގީ ސިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުންކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ވިދާޅުވީ އެ ނިންމުމަކީ ވިޔަފާރި ރަޖިސްޓަރ ކުރުމުގެ ޤާނޫނުގެ ދަށުން ނިންމާފައިވާ ނިންމުމެއް ނޫންކަމަށެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ވިޔަފާރި ރެޖިސްޓްރީކުރުމުގެ ޤާނޫނުގެދަށުން، އަމިއްލައަށް ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރާ ކުދި ވިޔަފާރިތައް ރެޖިސްޓްރީކުރުން ލާޒިމްނޫންކަމަށެވެ. އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތުގެ ގޮތުގައި ބެލެވޭނީ އެ މަސައްކަތަކީ ވަޒީފާގައި ބަޔަކު ގެންގުޅުމަކާނުލާ ތިމާ އަމިއްލައަށް ކުރާ މަސައްކަތްތައްކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

“ތަނެއްގައި ޤާއިމުނުވެ އެކަނި ކުރާ ވިޔަފާރިތައް ރެޖިސްޓަރކުރުން ލާޒިމެއް ނޫން. ނަމަވެސް ވަކިތަނެއްގައި ޤާއިމުވެ ވިޔަފާރިކުރުމުގެ ނިޔަތުގައި ހިންގާ ތަންތަން ރެޖިސްޓްރީކުރަންޖެހޭނެ.” ވިސާމް ވިދާޅުވިއެވެ.

އެޗްޕީއޭއިންވަނީ ގޭގޭގައި އަމިއްލައަށް އާމްދަނީ ހޯދުމަށްކުރާ ކުދި ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް އެދިފައެވެ. އެޗްޕީއޭގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ މިފަދަ ވިޔަފާރިތައް ރަޖިސްޓަރކުރަން އަންގާފައިވަނީ ވިޔަފާރިއާބެހޭ ޤާނޫނުގެދަށުން ނޫންކަމަށެވެ. މިކަމަކީ މިދުވަސްވަރު އެކި ފަރާތްތަކުން ގޭގޭގައިހަދައި ކާބޯތަކެތި ވިކުން ގިނަ ދުވަސްވަރަކަށްވާތީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތެއްކަމަށެވެ. އަދި މިއީ ޤަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ސޯޝަލްމީޑިއާގައި ޕްރޮމޯޓްކޮށް ވިއްކުންފަދަ ކަންކަން ފާހަގަކުރެވިފައިވާތީ، ގަވައިދާ ޚިލާފަށްކުރާ މިފަދަ ވިޔަފާރިތައް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“މިކަމަކީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުން، މިފަދަ މަސައްކަތްތައްކުރަނީ އެ މިންގަނޑުތައް ހިފަހައްޓައިގެންކަން ކަށަވަރުކުރުމަށް ނިންމި ނިންމުމެއް. މިކަމާއިގުޅޭ އުސޫލުތަކާއިއެކު މިންގަނޑެއްވެސް ވަރަށް އަވަހަށް އިޢުލާންކުރާނަން.” އަޙްމަދު ނާސިރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!