އަންކިތާގެ އުނގުގައި ސުޝާންތު ބޯ އަޅާލައިގެން އޮތް ފޮޓޯ ވަރަށް ލޯބި!

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު މަރުވިތާ ދެމަހަށް ވުރެ ގިނަވެފައި ވާއިރު، އޭނާގެ އާއިލާއާއި ގާތް މީހުން، އަދި ފޭނުން އަންނަނީ އަދިވެސް ސުޝާންތުގެ ހަނދާންތައް އާކުރަމުންނެވެ. އެގޮތުން ސުޝާންތުގެ ކުރީގެ ފޮޓޯތައް މީސްމީޑިއާގައި ހިއްސާކުރަމުން ދާތަން ފެނެއެވެ.

މިފަހަރު ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ، ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ އާއެކު ސުޝާންތު ނަގާފައިވާ ފޮޓޯއަކަށެވެ. ‘ޕިންކްވިލާ’ ގެ އިންސްޓްގަރާމްގައި ހިއްސާކޮށްފައިވާ މި “ތުރޯބެކް” ފޮޓޯއިން ފެންނަނީ، އަންކިތާގެ އުނގުގައި ސުޝާންތު ބޯ އަޅާލައިގެން، ނިދާފައި ކަމަށް ހެދިގެން އޮންނަ މަންޒަރެވެ. މިއީ މީގެ 7 އަހަރު ކުރިން ޕާޓީއެއްގެ ތެރެއިން އެ ދެލޯބިވެރިން ނަގާފައިވާ ފޮޓޯއެއް ކަމަށް ޕިންކްވިލާއިން ބުނެއެވެ. އޭރު ސުޝާންތާއި އަންކިތާ ރައްޓެހިވެގެން އުޅޭތާ 2 އަހަރު ވެފައިވާނެއެވެ.

ނަމަވެސް 6 ވަރަކަށް އަހަރު އެކުގައި އުޅުމަށްފަހު އެދެމީހުން ވަނީ ވަކިވެފައެވެ. އަދި އޭގެފަހުން ސުޝާންތު ވަނީ އެކި ތަރިންނާ ލޯބީގެ ގޮތުން ގުޅުން ބާއްވައިފައެވެ. އޭގެތެރޭގައި ކްރިތީ ސެނޮން އާއި ސާރާ އަލީ ޚާން ހިމެނެއެވެ. ސުޝާންތު އެންމެފަހުން ރައްޓެހިވެގެން އުޅުނީ ބަތަލާ ރިއާ ޗަކްރަބަތީ އާއެވެ. އަދި ސުޝާންތުގެ މަރާ ގުޅިގެން ރިއާގެ މައްޗަށް ވަނީ ގިނަ ތުހުމަތުތަކެއް ކުރެވިފައެވެ.

ސުޝާންތު މަރުވުމުގެ ކުރިން އަންކިތާއާއި ރުޅިވެފައި ވިޔަސް، ސުޝާންތުގެ މަރާ ގުޅިގެން އަންކިތާ ވެސް އަންނަނީ އިންސާފު ޤާއިމުކުރުމަށް ގޮވައިލަމުންނެވެ. އަދި ސުޝާންތުގެ އާއިލާއާ އަންކިތާއާ އޮންނަ ގުޅުން ވެސް ވަރަށް ވަރުގަދައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!