މާލޭ ސަރަހައްދު ގެސްޓު ހައުސްތައް އަދި ނުހުޅުވާނެ

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އޮކްޓޯބަރު މަހުގައި ނުހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އޮކްޓޯބަރު މަހު ގެސްޓްހައުސްތައް އަލުން ހުޅުވާލަން ރާވާފައިވީ ނަމަވެސް، މާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރޭ މިންވަރަށް ބަލާފައި މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެސްޓްހައުސްތައް ނުހުޅުވޭނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި މީހުން ޕޮޒިޓިވްވާ މިންވަރު ފަސް ޕަސެންޓަށް ވުރެ ދަށްވެއްޖެ ނަމަ ގެސްޓްހައުސްތައް ހުޅުވުމުގެ ފުރުސަތު ދެއްވިދާނެ ކަމަށެވެ. އަދި ހުއްދަ ދެއްވޭނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު ރަށްރަށުގެ ކައުންސިލްތަކުންނާއި ގެސްޓްހައުސް ތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ވެއެވެ. އެގޮތުން ކައުންސިލްތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އެރަށެއްގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ހުރުމާއި އެރަށެއްގައި ކޮވިޑް ޓާސްކްފޯހެއް އޮންނަން ޖެހުމުގެ އިތުރުން މީހަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ގެންދާނެ ޓްރާންސްޕޯޓް ހިދުމަތް ހަމަޖެހިފައި އޮތުން އަދި ފްލޫ ކްލިނިކެއް ހުރުމާއި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުރުން ހިމެނެއެވެ.

ގެސްޓްހައުސް ހުޅުވަން ހުއްދަ ދެވޭނީ ހެލްތު އެންޑް ސޭފްޓީ ޕްލޭނެއް ގެސްޓްހައުސްތަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން އެ ޕްލޭން އެޕްރޫވް ކުރުމަށް ފަހުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!