ކްރިމިނަލް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު އައްޔަން ކުރައްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރަކަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީ މިއަދު އައްޔަން ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ދީބާނާޒް އާއި ސ. ހުޅުދޫ ހެޕީޑްރީމް މުހައްމަދު މިސްބާހު އައްޔަން ކުރެއްވީ އެ ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ދެ ބޭފުޅުންނަށް ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. މިއީ ކްރިމިނަލް ކޯޓުގެ ގާޒީކަން އަންހެން ބޭފުޅަކު ކުރައްވާ ފުރަތަމަ ފަހަރެވެ.

ޖޭއެސްސީގެ ބަޔާނުގައިވާ ގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދީބާނާޒަކީ ހައިލީ ރެކޮމެންޑެޑް ކަމަށް ކޮމެޓީން ފާހަގަ ކޮށްފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު ދީބަޔާޒް ފަހުމީ އަކީ ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) މެލޭޝިއާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ހާސިލް ކުރެއްވުމަށްފަހު، މާސްޓަރ އޮފް ލޯ ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް އެންޓަރބަރީ އިން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެބޭފުޅާ އަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އަލްއުސްތާޛު ދީބަޔާޒް ފަހުމީ އަކީ ކްރިމިނަލް ކޯޓަށް ޢައްޔަނު ކުރި ފުރަތަމަ އަންހެން ފަނޑިޔާރެވެ.

އަލްއުސްތާޛު މުޙައްމަދު މިޞްބާޙު އަކީ ޤާނޫނާ ޝަރީޢާގެ ރޮނގުން މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީ އިން ބެޗްލަރއޮފް ޝަރީޢާ އެންޑް ލޯ ފުރިހަމަ ކުރެއްވުމަށްފަހު، ޤާނޫނީ ދާއިރާގެ 6 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ޤާނޫނީވަކީލުކަމުގައި ގިނަ އަހަރުތަކެއްގެ ޕަބްލިކް ޕްރޮސެކިއުޓަރއެއްގެ ގޮތުގަ އާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، މި ދާއިރާ އިން ކިޔަވާދިނުމުގެ ތަޖުރިބާ ވެސް ހުރި ބޭފުޅެކެވެ.

މިއަދު އައްޔަނު ކުރެވުނު 2 ފަނޑިޔާރުންނާއެކު މިހާރު ކްރިމިނަލް ކޯޓުގައި 11 ފަނޑިޔާރުން މަސައްކަތް ކުރައްވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!