ފްލެޓުގެ ބަދަލު ހޯދަން 170 އަށްވުރެއް ގިނަ މީހުން އެދިއްޖެ

ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ޓާޓާ ފްލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންގެ ތެރެއިން ބަދަލު ހޯދަން 170 އަށްވުރެއް ގިނަ މީހުން ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މީޑިއާގައި ބުނީ މިހާތަނަށް ބަދަލު ހޯދަން އެދިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ޓާޓާ ފްލެޓަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހުނު މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ގުޅީފަޅުން ފްލެޓު ލިބުނ 105 މީހުންނާއި ޓާޓާ ފްލެޓު ލިބުނު 75 މީހުންނެވެ.

ގުޅީފަޅުން ފްލެޓު ގަންނަން ފައިސާ ދެއްކި މީހުންނަށް ފްލެޓު ނުލިބުމުގެ އިތުރުން ފްލެޓަށް ދެއްކި ޑައުންޕޭމަންޓުވެސް ނުލިބެ އެވެ. ގުޅީފަޅުގައި ފްލެޓުތަކުގެ ބޮޑުބައި ނިމިފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ގުޅީފަޅުގައި މީހުން ދިރިނޫޅޭނެ ކަމަށް ނިންމައި އެ ތަނުން ފްލެޓު ގަތް މީހުންނަށް ހުޅުމާލެއިން ފްލެޓު ދޭނެ ކަމަށް ބުނެފައި އެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ފެށި ހިޔާ މަޝްރޫއުގެ 6،720 ފްލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓެއް ނުވަތަ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކުރާ 1،700 ފްލެޓުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓެއް އިހުތިޔާރު ކުރުމަށް އެމީހުންނަށް ފުރުސަތު ދިނެވެ.

އެ އެއްބަސްވުންތަކުގައި ޖުމްލަ 175 ފަރާތަކުން ވަނީ ސޮއިކޮށްފައިކަމަށް މިނިސްޓްރީން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!