އައި ލައިކް ޓު މޫވް އިޓް ލަވަ ހެދި ޑީޖޭ އެރިކް މަރުވެއްޖެ

1990 ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި އިނގިރޭސި ލަވަ “އައި ލައިކް ޓު މޫވް އިޓް” ހެދި ޑީޖޭ އެރިކް މޮރީލޯ މަރުވެއްޖެއެވެ.

މޮރިލޯގެ ހަށިގަނޑު ފެނިފައިވަނީ މަޔާމީ ބީޗުގައި ހުންނަ އޭނާގެ ގޭގެ ތެރެއިން ކަމަށް ނޫސްތަކުން ރިޕޯޓުކުރެއެވެ. ނަމަވެސް އޭނާ މަރުވީ ކިހިނެއް ކަމެއް މިހާތަނަށް ސާފެއް ނުވެއެވެ.

ކޮލޮމްބިއަން-އެމެރިކަން ފަންނާނެއް ކަމަށްވާ މޮރީލޯއަށް މަޝްހޫރުކަން ލިބުނީވެސް 1993 ގެ ނެރުނު “އައި ލައިކް ޓު މޫވް އިޓް” ލަވައިންނެވެ. އެ ލަވައަކީ އެދުވަސްވަރު އެންމެ ގަދަޔަށް ވައިގައި ހިފި އެއް އިލެކްޓްރޯ-ޑާންސް ހިޓެވެ. ގިނަ ޕާޓީތަކާއި ޝޯތަކުގައި މީހުން އެ ލަވައަށް ނަށައި އުޅުނެވެ. އަދި ފަހުން އެ ލަވައިގެ ލިރިކްސް އަށް ކުޑަކޮށް ބަދަލު ގެނެސް، ބައެއް ފިލްމުތަކުގައި ވެސް ހިމަނާފައި ވެއެވެ.

އެރިކް މޮރިލޯ، 49، މަރުވެފައި ވަނީ ދާދި ފަހުން އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ. ނަމަވެސް މޮރީލޯ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން މޮރީލޯ ކޯޓަށް ހާޒިރުވުން ތާވަލްކޮށްފައި ވަނީ އަންނަ ހުކުރު ދުވަހަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!