ޮކޮވިޑް-19 ތެރޭގައި ރައްޓެހިންނާ ބައްދަލުކުރާ އިރު މިކަންކަމަށް ސަމާލުވޭ!

ކޮވިޑް-19 މުޅި ދުނިޔޭގައި ފެތުރެމުންދާއިރު، ރާއްޖޭގައި ވެސް އަންނަނީ ނުރައްކާ ދަރަޖައަކަށް ފެތުރެމުންނެވެ. މި ދުވަސްވަރު ކޮންމެ މީހަކު ވެސް ބަލަންވާނީ، ވީހާ ވެސް ގިނައިން ގޭގައި ތިބެވޭތޯއެވެ. އަދި ކޮންމެހެން ދާން ޖެހިއްޖެ ތަނަކަށް ނޫނީ ނުދިޔުމަށެވެ.

ނަމަވެސް ރައްޓެހިންނާ ދުރުގައި އުޅެން ޖެހުމަކީ އެއްބައި މީހުންނަށް ވާވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން، މިފަހަރު މި ކިޔައިދެނީ، ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރު، މަދުން ނަމަވެސް ރައްޓެހިންނާ ބައްދަލުކުރަން ދާއިރު ސަމާލުކަން ދޭންވީ ކަންތައްތަކަށެވެ.

1. މާސްކު ނުނަގާތި!

ގިނަ މީހުންނަށް ވާގޮތަކީ، ރައްޓެހިންނާ ދިމާވެގެން އަނގަތަޅަން ހުންނައިރު، އަނގަމަތީގައި އޮންނަ މާސްކު ތިރިވަމުން ގޮސް ދަތްދޮޅިއާ ހަމައަށް ފޯރަނީއެވެ. އަދި ކިތަންމެ ކައިރީގައި އެކުވެރިޔާ ހުއްޓަސް، އެކަން ރޭކާވެސް ނުލަނީއެވެ. ނަމަވެސް މިއީ ހައްތާވެސް އިޖުތިމާއީ ގައިދުރު ކުރުމުގެ އުސޫލަތަކާ ޚިލާފު ކަންތައްތަކެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ، ކޮންމެ މީހަކަށް ވެސް ކޮރޯނާވައިރަސް ޖެހިފައި ހުރެދާނެ ކަމެވެ. އެއީ ކިތަންމެ ގާތް ރައްޓެސަކަށް ވިޔަސް، މާސްކު ނެގުމަކީ ދެމީހުންކުރެ އެކަކަށް ވެސް ރައްކާތެރި ގޮތެއް ނޫނެވެ.

2. ބައްދަލު ކުރަންޏާ ބޭރުން ބައްދަލުކުރޭ

ދިރާސާތަކުން ދައްކާ ގޮތުގައި، ކޮރޯނާވައިރަސް ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ބެދިފައި ހުންނަ ތަންތަނުގައެވެ. އެހެންކަމުން، އެކުވެރިޔާއާ ބައްދަލުކުރާއިރު މަގުމަތި ހިޔާރުކުރާށެވެ. އެއީ ވައި ރަނގަޅަށް ދައުރުވާ ތަންތަނުގައި ވައިރަސް ޖެހިގެން ހުރި މީހާއަށް ފޯރުމުގެ ފުރުސަތު، ބެދިފައި ހުންނަ ތަންތަނަށްވުރެ ކުޑަ ވީމައެވެ.

3. ކާބޯތަކެތި ޝެއާ ނުކުރާތި

ކާބޯތަކެތި އެކަކު އަނެކަކާ ހިއްސާ ނުކުރަންވީ، ކޮންމެހެން ކާބޯތަކެތިން ވައިރަސް އަރާފާނެތީކީ ނޫނެވެ. ނަމަވެސް، ކޮވިޑް-19 ޖެހިފައި ހުރި މީހަކު އަތްލާފައި ހުރި އެއްޗެއްގައި އަތްލެވި، އެ ފަހުން އަތްނުދޮވެ ހުއްޓައި އޮޅިގެން ތިމާގެ މޫނުގައި އަތްލެވިއްޖެނަމަ، ވައިރަސް އަރާނެއެވެ. އެހެންކަމުން، މި ދުވަސްކޮޅު ވީ ވަރަކުން އެކަކު އަތްލާފައި ހުންނަ އެއްޗެހީގައި އަނެކާ އަތްނުލާ ވޭތޯ ބަލާށެވެ.

4. ސަލާން ނުކުރާތި!

ރައްޓެހިންނާ ދިމާވުމުން އެންމެ ފުރަތަމަ ކުރެވޭ ކަމަކީ ސަލާންގަލާން ކުރުމެވެ. އެގޮތުން ދެއަތްތިލަ ޖޯޑުކޮށް ސަލާމް ކުރުމާއި، ކޮނޑާއި ކޮނޑު ޖައްސާފައި ސަލާމް ކޮށް އުޅެއެވެ. ނަމަވެސް، މިދުވަސްވަރު މިކަންކަން އެއްވެސް ވަރަކަށް ނުކުރައްޗޭވެ. އެއީ ކިތަންމެ ގާތް ރައްޓެއްސަކަށް ވެހެވެ.