ނުރޯތި، ކަސޯޓީ ނިމުމަކަށް އަންނަނީ!

ސްޓާ ޕްލަސް އިން ގެނެސްދޭ “ކަސޯޓީ ޒިންދަގީ ކޭ” ނިންމައިލަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

‘ޕިންކްވިލާ’ އިން ލިޔެފައި އޮތް ޚަބަރެއްގައި ބުނާ ގޮތުގައި، ކަސޯޓީގެ ޕްރޮޑިއުސަރުން އެ ޝޯ ނިންމައިލަން އުޅެނީ، އޭގައި ލީޑު ރޯލު ކުޅޭ ޕާތު ސަމްތާން އެ ޝޯއާ ވަކިވާން އުޅޭތީއެވެ. އެގޮތުން އަނުރާގް ބާސޫގެ ރޯލު ކުޅޭ ޕާތު އެ ޝޯއާ ވަކިވާން އުޅޭ ވާހަކަ އޮގަސްޓު މަހު އަންގާފައިވާ ކަމަށާއި، އޭނާގެ ކޮންޓްރެކްޓު ސެޕްޓެމްބަރު 5 ގައި ހަމަވާނެ ކަމަށް ވެއެވެ. ނަމަވެސް މިހާރު ކަސޯޓީ އެއްކޮށް ނިންމައިލަން އުޅޭތީ، ޝޯ ނިމެންދެން ޕާތު ހުރެދިނުމަށް ޝޯ ހަދާ ފަރާތުން އެދުމުން އެކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ.

ކަސޯޓީ ނިންމައިލަން އުޅެނީ، ޕާތު ވަކިވެއްޖެނަމަ އަނުރާގްގެ ރޯލަށް އެހެން ތަރިއަކު ލައިގެން ޝޯ ނުހިނގާނެ ކަމަށް ޕްރޮޑިއުސަރުންނަށް ފެންނާތީއެވެ. އަދި މިހާރުވެސް ކަސޯޓީގެ އެތައް މޫނުތަކެއް ބަދަލުވެފައި ވާތީ، ޝޯއަށް ކުރިން އޮތް ތަރުހީބު ގެއްލުމުންނެވެ. ހަމައެހެންމެ، ޓީއާރްޕީ ޗާޓުތަކުގައި ވެސް ކަސޯޓީ އޮތީ ވަރަށް ދަށުގައެވެ.

ކަސޯޓީ ވަރަށް އަވަހަށް ނިންމައިލަން އުޅޭއިރު، ދެން އެވަގުތުގައި ދައްކާނީ ބަލާޖީ ގެ އެހެން ޝޯއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕާތު ސަމްތާން ކަސޯޓީއާ ވަކިވާން ނިންމީ، ކުރިއަށް ހުރި ބޮޑެތި ޕްރޮޖެކްޓުތަކަކަށް ވަގުތު ދިނުމަށް ކަމަށް ކުރިން ބުނެފައިވެއެވެ. ޕާތުގެ އިތުރުން ކަސޯޓީގެ އަނެއް މުހިއްމު ރޯލު އަދާކުރަނީ ބަތަލާ އެރިކާ ފެނަންޑެސް އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!