އުތެމާއަށް ފިޔަވަޅު ނާޅާ އޮތީ އިސްލާމިކް މިނިސްޓްރީއާ ފުލުހުން ލަފާ އަރުވާފައިނުވާތީ: ޔޫތް މިނިސްޓްރީ

އިސްލާމްދީނުގައި ބަޔާން ކޮށްފައިވާ ބައެއް ކަންކަމާއި މެދު ސުވާލު އުފައްދާ ޖަމިއްޔާއެއް ކަމަށްވާ ”އުތެމާ” އާ މެދު ފިޔަވަޅު ނާޅާ އޮތީ އިސްލާމިކް މިނިސްޓްރީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލަފާ އަރުވާފައިނުވާތީ ކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރަޖިސްޓްރާ އޮފް އެންޖީއޯ މިނިސްޓްރީ އޮފް ޔޫތްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު އިރާޝް ވިދާޅުވީ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އުތެމާގެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލާގައި ފިޔަވަޅު އަޅާފައިނުވާތީ އާންމުންގެ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ އަކީ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް އިރާޝް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ވެސް އެ މައްސަލަތަކުގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އިރާޝް ވިދާޅުވީ މިއަދާ ހަމައަށް އައިރު ވެސް އިސްލާމިކް މިނިސްޓްރީ އަދި ފުލުހުން ވެސް މި މައްސަލާގައި އެއްވެސް ލަފައެއް އަރުވާފައިނުވާ ކަމަށެވެ.

އިރާޝް ވިދާޅުވީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ އަދި މުޖުތަމައުގެ މިންގަނޑުތަކާ ހިލާފަށް އަމަލު ކުރާ ޖަމިއްޔާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އުތެމާގެ މައްސަލާގައި ވެސް ލަފާ އެރުވުމުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އިރާޝް ދެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!