ކޮވިޑުގައި އިތުރު އެންމެ ފުރާނައެއް ވެސް ގެއްލިގެންދާކަށް ނޭދެން: ރައީސް

ކޮވިޑް-19 ގައި އިތުރު އެންމެ ފުރާނައެއް ވެސް ގެއްލިގެންދާކަށް ނޭދޭ ކަމަށާއި، މިކަމުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔަ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

“ކޯވިޑް-19” ފެތުރުން ކޮންޓްރޯލް ކުރުމަށް، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، “ކޯވިޑް ހުއްޓުވާނީ އަހަރެން” މި ނަމުގައި މިއަދު ފެށިގެންދާ ކެމްޕެއިން ފައްޓަވައިދެއްވާ ރައީސް ވިދާޅުވީ ރާއްޖެއަކީ މި ބަލީގެ ނުރައްކާތެރިކަން ކުޑަ ޤައުމަކަށް ހެދެން އޮތީ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް، މި ބަލި ފެތުރުން ކޮންޓްރޯލް ކޮށްގެން ކަމަށާއި ފަރުދީ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ.

ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގައި 29 މީހަކު މަރުވެ ގޮސްފައިވާއިރު ކޮންމެ ދުވަހަކުވެސް އެތައް ބަޔަކަށް ބަލި ޖެހެމުންދާ ކަމަށެވެ. އެއީ ހާލަތު ގޯސްވާ ކަމުގެ ނިޝާނެއް ކަމަށް ވިދާޅުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ނުކުރެވިއްޖެނަމަ ފުރާނަ ގެއްލޭ މީހުންގެ އަަދަދު އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“މި ބަލީގައި އިތުރު އެއްވެސް ފުރާނައެއް ގެއްލިގެންދާކަށް އަޅުގަނޑުމެންގެ އެކަކުވެސް ބޭނުމެއް ނުވޭ. މި ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވިއްޖެނަމަ އަޅުގަނޑުމެންގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް ކަންތައްތައް ހިނގައިދާނެ. ފަރުވާ ކުރެވޭނެ ވަސީލަތްތަކާއި އަލާތްތައް ހޮސްޕިޓަލްތަކުގައި ހުއްޓަސް ފަރުވާދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާވަރަށް ބަލި މީހުން އިތުރުވެއްޖެނަމަ ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތް. އަޅުގަނޑުމެން އެންމެންނަށް އެ މަންޒަރު އެބަ ފެނޭ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް ގޮވާލައްވާފައެވެ. އަދި އެޗްޕީއޭގެ މިންގަނޑާއި އެއްވެސް މީހަކު ހިލާފުނުވުމަށް އިލްތިމާސް ކުރެއްވިއެވެ.

“އެޗްޕީއޭއިން ކެނޑިނޭޅި އެ ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކޮށްފިއްނަމަ މިއީ ކޮންޓްރޯލް ނުކުރެވޭނެ ވަރުގެ ބައްޔެއް ނޫން،” ރައީސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!