އެންމެ އަމާން، އެންމެ ރައްކާތެރި މަންޒިލަކީ އަދިވެސް ރާއްޖެކަން ޔަގީން: ރައީސް

މިވަގުތު ވެސް ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލަކީ ދިވެހިރާއްޖެ ކަމަށާ އެކަން ދުނިޔެއަށް އަންގައިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

“ކޮވިޑް ހުއްޓުވާނީ އަހަރެން” މި ނަމުގައި މީޑިއާއިން މިރޭ ފެށި ކެންޕެއިން ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

ރައްކާތެރިކަމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކުރިތާ ދުވަސްތަކަކަށް ފަހު އަލުން ހުޅުވާލާފައިވާއިރު މި ވަގުތު ވެސް ޗުއްޓީ ހޭދަކުރާ މީހުންނަށް އެންމެ އަމާން އަދި ރައްކާތެރި ގައުމަކީ ރާއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަން ދުނިޔެއަށް ހާމަކޮށްދެވިފައި ނުވާ ކަމަށާ ރާއްޖޭގެ ހަގީގީ ހާލަތު ބުނެ ނުދެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލެ ސިޓީ ފިޔަވައި އެހެން އެއްވެސް ރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށާ މީޑިއާތައް މެދުވެރިކޮށް ދުނިޔެއަށް އެކަން އަންގައިދޭން ޖެހޭ ކަމަށެވެ.

“ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީ ކުރެވިފައިވާ ގޮތަށް ބަލާއިރު ޗުއްޓީ ހޭދަކުރާ މީހުންނަށް އެންމެ އަމާން، އެންމެ ރައްކާތެރި މަންޒަލަކީ އަދިވެސް ރާއްޖެކަން ޔަގީން. މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި އިރާދަކުރެއްވީތީ ކޮމިއުނިޓީ ސްޕްރެޑެއް ނެތް. އަދި އެހެން ރަށަކުން ބަލި މީހަކު ފެނުނު ނަމަވެސް ސިއްހީ އެހީތެރިން އެ އަންނަނީ ވަރަށް ރަނގަޅަށް އެކަންކަން މޮނިޓާ ކުރަމުން،”

ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގައި 29 މީހަކު މަރުވެ ގޮސްފައިވާއިރު ކޮންމެ ދުވަހަކުވެސް އެތައް ބަޔަކަށް ބަލި ޖެހެމުންދާ ކަމަށެވެ. އެއީ ހާލަތު ގޯސްވާ ކަމުގެ ނިޝާނެއް ކަމަށް ވިދާޅުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ނުކުރެވިއްޖެނަމަ ފުރާނަ ގެއްލޭ މީހުންގެ އަަދަދު އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!