41 ރަށެއްގައި ކޮވިޑްގެ 90 ކޭސް

މާލެއިން ރަށްރަށަށް ދާ މީހުންގެ ތެރެއިން ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރާ މީހުންގެ ރިލީޒް ސާމްޕަލް އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ 90 މީހަކު ރާއްޖޭގެ 41 ރަށެއްގައި އެބަތިބި ކަމަސް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު މީހުން ދިރިއުޅޭ 41 ރަށެއްގައި 90 ކޭސް އަދި 16 ރިސޯޓެއްގައި 45 ކޭސް މިވަގުތު އެބައޮތެވެ.

ރިސޯޓުތަކުން މިވަގުތު 16 ފަތުރުވެރިންނާއި 29 ސްޓާފަކު ޕޮޒިޓިވް ވެފައިވެއެވެ.

ރަށްރަށުގައި މިވަގުތު ހުރި ޕޮޒިތިވް ކޭސްތަކަށް ބަލާއިރު ހަތް ބިދޭސިންނާއި 87 ދިވެއްސަރު ވަނީ ޕޮޒިޓިވްވެފައެވެ.

ކ. ހިންމަފުށިން ޕޮޒިޓިވްވި ދެ މީހަކު އެރިޔަދޫ އަައިސޮލޭޝަން ފެސިލިޓީގައި ތިބިއިރު ދުވާފަރުން ޕޮޒިޓިވްވި 81 އަހަރުގެ މީހަކަށް ބ. އޭދަފުށީގައި ހުންނަ ކޮވިޑް ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

ދެންތިބި މީހުން ތިބީ ހޯމް އައިސޮލޭޝަނުގައެވެ.

ކޮވިޑު ޕޮޒިިވް މީހުން ތިބި ރަށްރަށުގެ ތެރެއިން ގދ ތިނަދޫ އާއި ދ ކުޑަހުވަދޫ އަދި ދ މާއެނބޫދޫ އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

މިއަދު އެކަނިވެސް ރާއްޖެއިން 199މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މީގެ ތެރެއިން 31 ކޭހަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެ ސަރަހައްދުން 168 މީހަކު މިއަދު ޕޮޒިޓިވް ވެފައިވެއެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 8،003 އަށް ވަނީ އަރައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!