މިމަހު 10 އަކުން ފެށިގެން ރާއްޖެ އާދެވޭނީ ކޮވިޑަށް ނެގެޓިވް ފަތުރުވެރިންނަށް އެކަނި

މިމަހު 10 އަކުން ފެށިގެން ފަތުރުވެރިންނަށް ރާއްޖެ އާދެވޭނީ ކޮވިޑް-19 އަށް ނެގެޓިވް ވުމުން ކަމަށް ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިމަހު 10 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންނާއި ކުރު މުއްދަތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ރާއްޖ އެތެރެވެވޭނީ ކޮވިޑް-19 އަށް ޓެސްޓުކޮށް، ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ ދެއްކުމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ކަމަށެވެ.

ރާއްޖެ އަންނައިރު ކޮވިޑްގެ ނެގެޓިވް ނަތީޖާއެއް ގެނައުން މަޖުބޫރުކޮށްފައިވާއިރު، މިމަހު 15 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސްތައް ހުޅުވުމަށް ވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވައިލީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ރިސޯޓުތައް ހުޅުވާލައިގެން ފަތުރުވެރިކަން ކުރިއަށް ގެންދަން ފަށާފައި އޮތް ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓް ހައުސްތައް ހިންގަން ފަށަން ކުރިން ނިންމާފައި ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން، “ކޮވިޑް ހުއްޓުވާނީ އަހަރެން” ގެ ނަމުގައި ފެށި ކެމްޕޭން އިފްތިތާހުކޮށް ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް އާބާދީ ބެހިފައިވާ ގޮތަށާއި، ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީ ކުރެވިފައި އޮތް ގޮތަށް ބަލާއިރު، ޗުއްޓީ ހޭދަކުރާ މީހުންނަށް، އެންމެ އަމާން، އެންމެ ރައްކާތެރި އެއް މަންޒިލަކީ އަދިވެސް ރާއްޖެކަން ޔަގީން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!