ކޮވިޑާ ގުޅޭގޮތުން ރާއްޖޭގެ ހަގީގީ މަންޒަރު، އަދިވެސް ގިނަ މީހުންނަކަށް ނޭނގޭ: ރައީސް

ކޮވިޑާ ގުޅޭގޮތުން ރާއްޖޭގެ ހަގީގީ މަންޒަރު، އަދިވެސް ގިނަ މީހުންނަކަށް ނޭނގޭ ކަމަށާއި، ރާއްޖޭގެ ހާލަތު ރަނގަޅަށް ބުނެ ނުދެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މީޑިއާތަކުން ފެށި “ކޮވިޑް ހުއްޓުވާނީ އަހަރެން” ގެ ނަމުގައި ފެށި ކެމްޕޭން އިފްތިތާހުކޮށް ވާހަކަދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް އާބާދީ ބެހިފައިވާ ގޮތަށާއި، ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީ ކުރެވިފައި އޮތް ގޮތަށް ބަލާއިރު، ޗުއްޓީ ހޭދަކުރާ މީހުންނަށް، އެންމެ އަމާން، އެންމެ ރައްކާތެރި އެއް މަންޒިލަކީ އަދިވެސް ރާއްޖެކަން ޔަގީން ކަމަށެވެ.

“މި މެސެޖް އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަކަށް ނުދެވޭ. މިއީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދޭންޖެހޭ ކަމެއް. ވަކިން ޚާއްޞަކޮށް، އޮކްޓޫބަރު 15 ވަނަ ދުވަހު، ގެސްޓްހައުސްތައް ހުޅުވައިލުމަށް ތައްޔާރުވަމުން އަންނައިރު، ބޭރު ދުނިޔެއަށް މި މެސެޖް ވަރަށް ރަނގަޅަށް ފޯރުކޮށްދޭން އެބަޖެހޭ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ތިޔަބޭފުޅުންގެ ކެމްޕެއިންގެ ތެރެއިން، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ، ވަރަށް ބޭނުންތެރި ކަމެއް. ނޫސްވެރިން، އެއް ވިސްނުމެއްގައި އެއް ޢަޒުމެއްގައި ކަމެއް ކުރަން ތެދުވެއްޖެނަމަ، ވަރަށް ފަސޭހައިން އެކަމެއް ހާސިލުކުރެވޭނެ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދުވެސް، ހުރިހާ ދިވެހި ނޫސްވެރިންގެ ފަރާތުން، އެދޭ އެދުމަކީ، ކަންކަމުގެ ޙަޤީޤަތް ނޯޅޭ ގޮތަށް، ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވުން ކަމަށެވެ. އަދި ޒިންމާދާރުކަމާއެކު، މިނިވަން ނޫސްވެރިކަމުގެ މަގުގައި ކުރިއަށް ވަޑައިގެން، މި ކެމްޕެއިން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީޑިއާތަކުން މިއަދު މި ފެށި ކެމްޕެއިނަކީ މާތް ﷲގެ ވާގިފުޅާއެކު ވަރަށް ކާމިޔާބު މަސައްކަތަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިފަދަ ކެމްޕެއިނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ އެންމެންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ވަކިން ޚާއްޞަކޮށް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.

“އަޅުގަނޑު ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށާއި، މީޑިއާ އިދާރާތަކަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ތިޔަބޭފުޅުން މިއަދު ތިޔަ ފެށްޓެވި ޤައުމީ މަސައްކަތުގައި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން. ސަރުކާރުގެ ވުޒާރާތަކާއި، ކަމާގުޅޭ އެހެން އިދާރާތަކުންވެސް، ފުރިހަމަ އެއްބާރުލުން އިރާދަކުރެއްވިއްޔާ ލިބެމުންދާނެ. ތިޔަބޭފުޅުން މިއަދު ތިޔަ ފެށްޓެވި މުހިންމު މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކޯވިޑްގެ ނުރައްކާތަކުން އެންމެހައި ދިވެހިންނާއި، މުޅި އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކޮށްދެއްވުން އެދި، އެކަލާނގެ ޙަޟްރަތަށް ދުޢާކުރަން. ދިވެހި ނޫސްވެރިކަމަށް އަބަދުވެސް ކާމިޔާބާއި ފާގަތިކަމަށް އެދެން،” އެމަނިކިފާނު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!