ބަޖެޓު ދަތިވެ ބްރޯޑްކޮމް އިން ފިނޭންސް މިނިސްޓަރ އާއި ބައްދަލު ކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް މިއަހަރަށް ދެވިފައިވާ ބަޖެޓުގެ ދަތިކަމާއި ގުޅިގެން އެ ކޮމިޝަނުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ.

މި ބައްދަލު ވުމަށްފަހު ނެރުނު ބަޔާނުގައި ބްރޯޑްކޮމް އިން ބުނީ ފިނޭންސް މިނިސްޓަރާއިއެކު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނުން ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްގީއަށް ކުރަމުން ގެންދާ މަސައްކަތް ތަކާއި، ބްރޯޑް ކާސްޓިންގ ދާއިރާގައި ކޮމިޝަނުން އަދާ ކުރަމުން ގެންދާ ދައުރުގެ ތަފްސީލް ފިނޭންސް މިނިސްޓަރަށް ދެއްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ކޮމިޝަނުގެ މެންޑޭޓުގައިވާ ކަންކަން ކުރުމުގައި އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ކޮމިޝަނަށް ލިބިފައިވާ ބެޖެޓުގެ ދަތިކަން ކަމަށެވެ. މީގެ އިތުރުން މަރިޔަމް ވަހީދާ ވިދާޅުވީ ކޮމިޝަނުގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށާއި، ކޮމިޝަން ހިންގަމުން ގެންދާ އިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރުމަށް މިހާރު ދެމުން ގެންދާ ބަޖެޓުން ނުފުދޭ ކަމަށެވެ.

އަދި ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގެ ދަށުން ކުރުމަށް އެންމެ މުހިންމު އެއް މަސައްކަތް ކަމުގައިވާ މޮނިޓަރ ކުރުމުގެ މަސައްކަތް ކުރުމުގައި މިހާރު ބޭނުން ކުރަމުން ގެންދާ ސިސްޓަމަށް މައްސަލަ ދިމާވެފައިވާ ކަމަށާއި، އެހެންކަމުން މި ކަމަށް ބޭނުންވާ ބަޖެޓު ހަމަޖައްސަވައި ދެއްވުމަށް މަރިޔަމް ވަހީދާ ވަނީ ފިނޭންސް މިނިސްޓަރުގެ އަރިހުގައި ދަންނަވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!