އިންތިގާލީ އިންސާފުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

އިންތިގާލީ އިންސާފުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

މަޖިލީހުން މިއަދު ބުނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރަމުން އަންނަ އެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާ ކަމަށެވެ. އެގޮތުން ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު 14:00 ގެ ކުރިން ކޮމިޓީއަށް މެއިލް މެދުވެރިކޮށް ނުވަތަ ލިޔުމުން ހުށަހެޅޭނެ ކަމަށް ބުނެ އެވެ. 

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގާދިޔަ މައްސަލަތައް ބެލުމަށް އެކުލަވާލި އިންތިގާލީ އިންސާފުގެ ބިލު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. 

މި ބިލްގެ ދަށުން ފަރުދުންގެ މެދުގައި ޞުލްޙަކޮށް، މުޖްތަމަޢު އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރުމާއި ޤައުމުގެ އަމަން އަމާންކަން ދަމަހައްޓައި މަދަނީ މަސަލަސް ކަމަށް ޖާގަދިނުމާއި ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންސާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށް ދެވޭނެއެވެ.

މި ޤާނޫނު ހިނގާނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ކަންތައްތަކުގެ މައްޗަށެވެ.

މި ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު އިންތިޤާލީ އޮމްބަޑްސްމަންގެ އޮފީހެއް އުފެދޭނެއެވެ. އޮމްބަޑްސްމަންގެ އޮފީސް އެކުލެވިގެންވާނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާ 3 އޮމްބަޑްސްމަނުންގެ މައްޗަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!