ޤާނޫނު ތަންފީޒުކޮށް ނެގެހެއްޓުމުގައި އަންހެނުންގެ ދައުރު އިތުރު ކުރަން ޖެހޭ ކަމަށް މެޑަމް ފަޒްނާ ވިދާޅުވެއްޖެ

ޤާނޫނު ތަންފީޒުކޮށް ނެގެހެއްޓުމުގައި އަންހެނުންގެ ދައުރު އިތުރު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

“މޯލްޑިވްސް ވުމެން އިން ޕޮލިސިންގ އެންޑް ޕްރޮޖެކްޓް ގާރޑިއަން” އިފްތިތާހު ކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ފަޒްނާ ވަނީ، ޤާނޫނު ތަންފީޒުކޮށް ނެގެހެއްޓުމުގައި އަންހެނުންގެ ދައުރާއި، އަންހެނުންނާއި ކުޑަކުދިންނާއި އާއިލާތަކަށް ކުރާ އަނިޔާއިން އެ ފަރާތްތައް ސަލާމަތް ކުރުމުގައި ފުލުހުންގެ ދައުރުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފަޒްނާ ވިދާޅުވީ، ދިވެހި ފުލުހުންނަކީ ޤާނޫނު ތަންފީޒު ކުރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިން ކަމަށެވެ.

ރާއްޖޭގެ ބައެއް ރަށްތަކަކީ ކުދި ކޮމިއުނިޓީއެއްގެ މައްޗަށް އެކުލެވޭ ރަށްތަކެއްކަން ފާހަގަ ކުރައްވައި ފަޒްނާ ވިދާޅުވީ، އެކަމުގެ ސަބަބުން އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް، އެފަދަ ރަށްތަކުގައި ނެއިބަރހުޑް ޕޮލިސިންގ ތައާރަފް ކުރެވިއްޖެނަމަ، މުޖުތަމައުގައި ހިމެނޭ ޓީޗަރުންނާއި، ހެލެތް ވޯކަރުން ފަދަ ޚިދުމަތްތެރިންގެ އެހީގައި ނުރައްކަލަށް ހުށައެޅޭ މީހުން އަވަހަށް ދެނެގަނެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް، މުޅި ފުލުހުންގެ ޚިދުމަތުގައި އަންހެނުން ހިއްސާ ކުރަނީ 10 އިންސައްތަކަން ފާހަގަ ކުރައްވައި ފަޒްނާ ވިދާޅުވީ، މިއީ ނެއިބަރހުޑް ޕޮލިސިންގ އަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އެއާއެކު ވެސް، ބޮޑެތި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް ފަޒްނާ ވަނީ ޙިޔާލު ހުށައަޅުއްވާފައެވެ.

އޭގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސް އާއި، ފޮރެންސިކްސް އާއި، ޓެރަރިޒަމްގެ މައްސަލަތައް ބެލުމާއި، އެފަދަ އެކި ޑިވިޜަންތަކުން ކުރިއެރުމަށް އަންހެން ފުލުހުންނަށްވެސް މިހާރަށްވުރެ ބޮޑަށް ހިތްވަރުދީ ތަމްރީނު ދިނުމަށް ފަޒްނާ ވަނީ ގޮވާލައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!