ގަސްގަހާގެހި އެތެރެ ކުރުމުގައި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފި

ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެ ކުރުމުގައި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިލްތިމާސް ކޮށްފިއެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ގަސްގަހާގެއްސާއި ގަހުގެ ބައިތަކަކީ “ގަސްގަހާގެހި ހިމާޔަތް ކުރުމުގެ ޤާނޫނު” ގެ ދަށުން ބަލިތަކާއި ބަލިޖައްސާ ފަނިފަކުސާ، ސޫފާސޫފި އަދި ޖަރާސީމުތައް ތައާރަފްވުމާއި ފެތުރުމުން ރައްކާތެރިވުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ފައިޓޯސެނިޓަރީ މިންގަނޑުތަކާއި އެއްގޮތަށް އެތެރެ ކުރާ ތަކެތި ކަމަށެވެ.

ގަހާއި ގަހުގެ ބައިތަށް ރާއްޖެއަށް އެތެރެކުރާ މިންވަރު މިދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ރާއްޖެއަށް މިފަދަ ބާވަތްތައް އިމްޕޯޓް ކުރާ ގިނަ ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރަމުންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކާއި ޚިލާފަށް އަމަލު ކުރަމުންދާ ކަމަށެވެ.

މިފަދަ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރުމުގެ ކުރިން ހޯދަން ޖެހޭ ހުއްދަތަށް ނުހޯދާ އެތެރެ ކުރުމާއި، ގަހާއި ގަހުގެ ބާވަތްތައް އެތެރެ ކުރައްވާއިރު އެތަކެއްޗާއެކު ގެންނަވަންޖެހޭ ފައިޓޯސެނިޓަރީ ސެޓްފިކެޓް ފަދަ މުހިންމު ޑޮކިއުމަންޓްތައް ނެތި އެތެރެކުރަން އުޅުންފަދަ ނޭދެވޭ މައްސަލަތައް މިދުވަސްވަރު އިތުރުވަމުންދާ ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ފައިޓޯސެނިޓަރީ މިންގަނޑުތަކާއި ޚިލާފަށް ރާއްޖެއަށް އެތެރެ ކުރާ ގަސްގަހާގެއްސާއި ގަހުގެ ބައިތަކާއި މެދު އަމަލު ކުރުމަށް ގާނޫނުގައި ކަނޑައަޅާފައި ގޮތުގެ މަތިން ތަންފީޒު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގެ ތެރޭގައި ވެސް ގަހުގެ ބޮޑު ޝިޕްމަންޓެއް ނައްތާލަން ޖެހިފައިވާ ކަމަށެވެ. އަދި ވިޔަފާރީގެ އުސޫލުން ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް އެތެރެ ކުރުމުގެ މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުން، ހޯދަންޖެހޭ ހުއްދަތަކާއި ލިޔެކިއުންތައް ހަމަކުރުމަށް، ވަގުތުދީގެން މަސައްކަތްތައް ރޭވުމަކީ ދިމާވާ މިފަދަ މައްސަލަތައް މަދުކުރެވޭނެ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުމާއި، ގަސްކާނާއާއި ދަނޑުވެރިކަމުގައި ބޭނުން ކުރާ ބޭސް އަދި ދިރޭ ޖަނަވާރު އެތެރެ ކުރުމުގެ ހުއްދަ ހޯދުމަށް މިދުވަސްވަރު ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާދީފައިވާ ކަމަށެވެ.

އެގޮތުން ޚިދުމަތްތަކަށް އެދުމަށް ހުށަހަޅުއްވަންޖެހޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، އެފޯމު ފުރުމަށްފަހު މިނިސްޓްރީގެ އީމެއިލް[email protected]އަށް އީމެއިލް ކުރެއްވުމުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުއްދަ ތައްޔާރު ކުރުމަށްފަހު އީމެއިލްގެ ޒަރިއްޔާ އިން ހުއްދަ ދެމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!