އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި

މިއަދުން ފެށިގެން ކުރިއަށްއޮތް 3 މަސްދުވަހު ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އެމްއެމްއޭއިން ނިންމައިފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން، ޤައުމީ އުފެއްދުންތެރިކަމާއި އެއްހަމައެއްގައި ހިފެހެއްޓުމަށް މަސްއޫލިއްޔަތު ހަވާލުވެފައިވަނީ އެ އިދާރާއަށްކަމަށެވެ. އެގޮތުން ބާޒާރުގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ދިވެހި ރުފިޔާގެ އެކްސްޗޭންޖްރޭޓަށް އައިސްދާނެ ބަދަލުތައް ކުޑަކޮށް ދިވެހި ރުފިޔާގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އެމްއެމްއޭއިން ވިދާޅުވީ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ޕްރެޝަރ ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ އަދަދު އޭޕްރީލް، މެއި، ޖޫން، އަދި ޖުލައިމަހު އިތުރުކޮށްފައިވާކަމަށެވެ. އަދި މި ހިނގާ ސެޕްޓެމްބަރ މަހުން ފެށިގެން އިތުރު 3 މަސްދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރުކޮށްފައިވާކަމަށެވެ. އަދި މި އަދަދު ޚާއްސަކުރެވޭނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އެތެރެކުރުމަށްކަމަށެވެ.

ވިޔަފާރި ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާ އާއި ދިވެހި ރުފިޔާ ލިކުއިޑިޓީގެ ދަތިކަން ހައްލުކުރުމަށް ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒާރވް ރިކުއަޔަރމަންޓް (އެމްއާރްއާރް)ގެ އަދަދުވެސް އެމްއެމްއޭއިން މިހާރު ވަނީ ދަށްކޮށްފައެވެ. އެގޮތުން އޭޕްރީލް މަހުގެ ތެރޭގައި ކުރިން ހުރި 10 އިންސައްތަ މިހާރު ވަނީ 7.5 އިންސައްތައަށް ދަށްކޮށްފައެވެ. އަދި ޖުލައިމަހުގެ ތެރޭގައި ބޭރު ފައިސާގެ އެމްއާރްއާރް 7.5 އިންސައްތައިން 5 އިންސައްތައަށް ދަށްކޮށްފައިކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވަށް އިތުރުވާ ބޭރުފައިސާގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިދާއެވެ. ފަތުރުވެރިކަން މަޑުޖެހިފައިވާ މި ދަނޑިވަޅުގައި މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެމްއެމްއޭއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިންގ ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!