ރައީސް ޔާމީންގެ އިސްތިއުނާފް އަޑު އެހުންތައް ނިންމާލައިފި، ދެން އޮންނާނީ ހުކުމް ކުރުން!

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން މިމައްސަލާގައި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފްގެ އަޑު އެހުންތައް ނިންމާލައިފި އެވެ.

ހައިކޯޓުގައި ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން، މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ، މިމައްސަލައާ ގުޅިގެން ފަނޑިޔާރުގެ ފަރާތުން އިތުރުކަމެއް ސާފުކުރަން ނެތްނަމަ، ދެން ބޭއްވޭނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް ކަމަށެވެ. ނަމަވެސް ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް ބޭއްވޭނެ ވަކި ތާރީހެއް އިއުލާން ކުރައްވާފައެއް ނުވެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

މިމައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލަ އެެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާކަމަށް ތުހުމަތު ކުރެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، އެމައްސަލަ ބެލުމަށްޓަކައި އޭސީސީއާއި ރައީސް ޔާމީނާ ދެމެދު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑަރ ކުރުމުގެ މައްސަލަ އެކެެވެ. ރައީސް ޔާމީން ވަނީ އެ 1 މިލިއަން ޑޮލަރު އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން އެފައިސާއިން ފައިދާ ހޯއްދަވާފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ އިތުރު މައްސަލަތަކެއްގެ ތަހުގީގުތައް ކުރިއަށްދެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!