އިނގުރައިދޫން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރ. އިނގުރައިދޫން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިނގުރައިދޫން ޕޮޒިޓިވްވީ، ދެ ބިދޭސީންނާއި ދެ ދިވެހިން ކަމަށެވެ. އެގޮތުން ދިވެހިންގެ ތެރެއިން 26 އަހަރުގެ އަންހެނަކާއި، 1 އަހަރުގެ ކުއްޖަކު ހިމެނޭއިރު، ބިދޭސީންގެ ތެރޭގައި ހިމެނެނީ، 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 52 އަހަރުގެ އިނޑިއާ ފިރިހެނެކެވެ.

މި މީހުން ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ ފުރަބަންދު ކަރަންޓީނު ނިންމުމަށް ފަހު ނެގި ސާމްޕަލްތަކުންނެވެ. އިނގުރައިދޫން މީގެ ކުރިން ވެސް ވަނީ ފުރަބަންދު ކަރަންޓީނު ނިންމި މީހުން ޕޮޒިޓިވްވެފައެވެ.

އިނގުރައިދޫން 4 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، މިއަދު ޅ. ނައިފަރުން 4 މީހަކު، ދ. ކުޑަހުވަދޫން 4 މީހަކު ރ. ރަސްމާދޫން އެކަކު އަދި ގއ. ދާންދޫން 2 މީހަކާއި ބ. އޭދަފުށިން 4 މީހެއްގެ އިތުރުން ށ. ފީވަކު މީހަކާއި އައްޑޫން 2 މީހަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާއިރު އިއްޔެ ވެސް ކޮވިޑަށް ވަނީ 137 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 129 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވް ވި 8 މީހުންނެވެ.

ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 7804 އަށް އަރާފައެވެ. އޭގެ ތެރެއިން 5155 މީހަކު ރަނގަޅުވެފައި ވާއިރު، ފަރުވާ ދެމުންދާ މީހުންގެ އަދަދު 2615 އަށް ވަނީ އަރާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!