އަލީ ވަހީދުގެ ތަހުގީގުގެ ބޮޑު ބައެއް ނިމިއްޖެ، ވަރަށް އަވަހަށް ދައުވާ ކުރަން ފޮނުވާނަން: ފުލުހުން

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ގުޅިގެން ފުލުހުން ކުރިޔަށް ގެންދާ ތަހުގީގުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި އޭނާއަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވާނަން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލާގައި ކުރިޔަށް ދަނީ ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންކަން ކުރުން ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ވަނީ އަލީ ވަހީދުގެ ބަޔާންވެސް ނަގާފައެވެ. އެ މައްސަލާގައި އަލީ ވަހީދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފައި ވަނީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުއެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުސް އޮފީހަށް ވަޑައިގެން ބަޔާން ދެއްވުމަށްފަހު، އަލީ ވަހީދު ވިދާޅުވީ އިންސާފުވެރިކަމާއެކު މައްސަލަ ތަހުގީގުކޮށްފިނަމަ އޭނާގެ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށެވެ.

އަލީ ވަހީދަށް ފުލުހުން ކުރި ތުހުމަތުތަކަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ކުރުމުން އޭނާ ޖަވާބެއް ނުދެއްވައެވެ. ވިދާޅުވީ އެ ތުހުމަތުތައް ވިދާޅުވާނީ ފުލުހުން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އޭނާއަށް ކުރި ސުވާލުތަކަށް ޖަވާބުދީފައިވާނެ ކަމަށާއި ހަނު ހުރެފައިނުވާނެ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!