ޕޮލިސް ޓްރޭނިން އެކެޑެމީ އައްޑޫ އަށް ބަދަލުކުރަން ނިންމީ އުމަރު: ޝާހިދު

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އަޅަމުންދާ ފުލުހުންގެ ޓްރޭނިން އެކަޑެމީ އައްޑޫ ސިޓީ އަށް ބަދަލުކުރުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އައްޑުގައި ގާއިމު ކުރާ ޕޮލިސް ޓްރޭނިން ސްކޫލާއި ގުޅޭގޮތުން އިދިކޮޅަށް ނިސްބަތްވާ ފަރާތްތަކުން އަންނަނީ އެތަނާއި މިސަރުކާރާއި ގުޅުވާ ނުހަނު ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އެތަނަށް އިންޑިއާގެ ނުފޫޒު ފޯރުވާނެ ކަމަށްވެސް ތުހުމަތު ކުރެ އެވެ. 

ޕޮލިސް އިންސްޕެކްޝަންޑޭ އާއި ގުޅުވައިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝާހިދު ވިދާޅުވީ އައްޑޫގައި ގާއިމުކުރަމުންދާ އެ މަރުކަޒަކީ ހަމައެކަނި މި ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ މަސައްކަތެއް ނޫން ކަމަށާއި އެކަމަކީ 2012 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ އެ މަރުކަޒުގެ އެމްއޯޔޫއެއްގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރެވިފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ކަމަށާއި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ހޯމް މިނިސްޓަރު އަދި ފަހުން ރާއްޖޭގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޑރ.މުހައްމަދު ޖަމީލު ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ އެ ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައި އޮތީ ޅ. ދިއްފުށިމާދޫ ގައިކަން ފާހަގަކޮށް މިނިސްޓަރު ޝާހިދު ވިދާޅުވީ އޭގެ ފަހުން އެ ޕްރޮޖެކްޓަށް އެކި ބަދަލުތައް އައިސްފައިވާ ކަމަށެވެ. އެގޮތުން އޭގެ ފަހުން އެ ޕްރޮޖެކްޓް 2014 ވަނަ އަހަރު ލ. އަތޮޅަށް ބަދަލުކުރެއްވި ކަމަށާއި އަދި އޭގެ ފަހުން އައްޑު އަތޮޅަށް އެ ޕްރޮޖެކްޓް ބަދަލުކުރި ކަމަށެވެ. 

އައްޑު އަތޮޅަށް އެ ޕްރޮޖެކްތް ބަދަލުކުރުމުގައި އައްޑުގެ ކައުންސިލާއި މަޝްވަރާ ކުރި ކަމަށާއި، އަދި އޭރު އެ މަޝްވަރާ ތަކުގައި އިސްކޮށް ހުންނެވީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. 

މިނިސްޓަރު ޝާހިދު ވިދާޅުވީ މި ސަރުކާރުން ކަންކަން ދިގުދަންމާ ލަސްކުރުމަށް ބޭނުންނުވާ ކަމަށެވެ. އެހެން ކަމުން 2019 ވަނަ އަހަރުން ފެށިގެން އެ މަސައްކަތަށް އިތުރު ހަލުވި ކަމެއް ގެނެސްފައިވާ ކަން ފާހަގަކުރެއްވި އެވެ. އައްޑޫގައި އަޅާ އެ މަރުކަޒު އަންނަ އަހަރުގެ ތެރޭގައި ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!