ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއި ބިޔަރު ދަޅާއެކު މާލެއިން ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާލޭ މަގުމަތިން ކާރެއް ހުއްޓުވައި ބަލައި ފާސްކޮށް ދެމީހަކު ހައްޔަރުކޮށްފިއެވެ.

ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން، އެ މީހުން ދުއްވި ކާރު ހެންވޭރުން ހުއްޓުވައި ބަލައި ފާސްކުރިއިރު 96 ބިޔަރު ދަޅާއި، 12 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، 28 އަހަރުގެ މީހާ ދޫކޮށްލާފައިވާއިރު، 27 އަހަރުގެ މީހާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!