ފުލުހުންގެ މަސައްކަތުން ލޭއޮހުރުވުމާއި، ތަޅާފޮޅުން ހުއްޓުވާލެވިއްޖެ: އިމްރާން

ފުލުހުންގެ ބުރަ މަސައްކަތުން ލޭއޮހުރުވުމާއި، ތަޅާފޮޅުންތައް ހުއްޓުވާލެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 16 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ފުލުހުންނާއި އާއިލާތަކަށް ފޮނުވައި މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް ފަޚުރުވެރިވާ މަސައްކަތެއްކަމަށެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފުލުހުންގެ އައު އިމާރާތް ހުޅުވުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ފާއިތުމިވީ 17 މަހެއްހައި ދުވަހުގެ ތެރޭގައި ފުލުހުންގެ މުއްއަސާއިން ކުރެއްވި ބުރަމަސައްކަތުން ރާއްޖޭގައި ހިނގަމުންދިޔަ އަނިޔާވެރި އަމަލުތަކާއި، މާރާމާރީއާއި ތަޅާފޮޅުން ހުއްޓުވިފައި ވާކަމަށެވެ. ނަމަވެސް މިހާރުވެސް ގިނަ ކަންތައްތަކެއް ހައްލުކުރަން ހުރިކަމަށާއި، މުޖުތަމައުގެ ތެރޭގައި ހުރި ނޭދެވޭ ކަންކަން ހުއްޓުވުމުގައި ފުލުހުންގެ ޒިންމާ ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމުގައި ވަރަށް މުހިއްމު ފިޔަވަޅުތަކެއް ހުޅުމާލޭގެ ފުލުހުން އަޅަންޖެހޭ ކަމަށާއި އެގޮތުން ހުޅުމާލޭގެ މުޅި ވެއްޓަށް އަންނަމުންދާ ބަދަލުތަކަކީ އޭގެ ނަތީޖާއެއްގެ ގޮތުން ސަމާލުވެ، ރައްކާތެރިވެގެން ތިބެގެން މެނުވީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އަދާކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްނުދެވޭނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން އިމްރާން ވަނީ މަދު ފުލުހުން ކުރާ ކަމެއްގެ ސަބަބުން ރައްޔިތުންގެ ހިތުގައި ފުލުހުންނާ މެދު ނުތަނަވަސްކަން އުފެދުން އެއީ ހިތާމަކުރާ ކަމެއް ކަމަށާއި އެހެންކަމުން އެފަދަ ކަމެއް އެއްވެސް ފުލުހެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށް ހުރިހާ ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!