ހުޅުމާލޭ އަލަށް އެޅި ޕޮލިސް އިމާރާތް ހުޅުވުމުގެ ތެރެއިން

ހުޅުމާލޭގައި އަލަށް ޢިމާރާތް ކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފި

ހުޅުމާލޭގައި އަލަށް ޢިމާރާތް ކުރި ޕޮލިސް ސްޓޭޝަން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ މި އިމާރާތުން ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށްޓަކައި ވަޞީލަތްތައް ޤާއިމްކޮށްފައި ހުންނާނެކަމަށެވެ.

ފުލުހުންނަކީ ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބައެއް ކަން ފާހަގަކުރައްވައި ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ އެންމެ އިސް ޒިންމާއަކީ ރައްޔިތުން ރައްކާތެރިގޮތުގައި ބައިތިއްބާ ވީހާވެސް ގާތުން ޚިދުމްތައް ފޯރުކޮށްދިނުންކަމަށެވެ. ސީޕީ ވިދާޅުވީ ހުޅުމާލެއަކީ ގިނަ މަޝްރޫއުތަކެއް ހިންގާނެ ތަނަކަށްވުމުން ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެކަމަށް ބޭނުންވަ ވަޞީލަތްތައްވެސް ހޯދަމުން އަންނަކަމަށެވެ.

ހުޅުމަލޭގައި އަލަށް އިމާރާތް ކުރި ފުލުހުންގެ އިދާރާގެ ބިންގާ އަޅާފައި ވަނީ 2015 ވަނަ އަހަރުގެ މާރޗްމަހުގެ ތެރޭގައެވެ. އަދި އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން 14ގައެވެ. މި އިމާރާތަކީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނާތީ ހުޅުމާލެއަކީ އަމާން ތަނަކަށް ހަދައި ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި އަޅާފައިވާ އިމާރާތަކެވެ.

ގާތްގަނޑަކަށް 27 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކޮށްފައިވާ މި އިމާރާތަކީ ތޭވީސް ހާސް ދުއިސައްތަ ފަންސަވީސް އަކަފޫޓުގެ ބޮޑު އިމާރާތެކެވެ. 3 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ ފުލުހުންގެ މި އިމާރާތުގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އިމާރާތް ނިންމާފައި ވަނީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޖާގައިގެ ގޮތުންވެސް ތަނަވަސް އިމާރާތެއްގެ ގޮތުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!