އާސިމްގެ ފޭނުންގެ ނުރުހުމާހެދި އާސިމާއެކީ ދެން މަސައްކަތް ނުކުރާނެ ކަމަށް ހިމާންޝީ ބުނެފި

ބިގް ބޮސް 13 އިން ވިދައިލި ޖޯޑު އާސިމް ރިއާޒާއި ހިމާންޝީ ކުރާނާގެ މުޅިން އާ ވީޑިއޯ ލަވައެއް ނެރެން ތައްޔާރުވެފައި ވަނިކޮށް، އާސިމްގެ ފޭނުންގެ ފަރާތުން ހިމާންޝީއަށް ކުރިމަތިވި ނަފްރަތާހެދި، ދެން އާސިމާއެކީ މަސައްކަތް ނުކުރާނެ ކަމަށް ހިމާންޝީ ބުނެފިއެވެ.

އާސިމާއި ހިމާންޝީގެ ހޭޝްޓެގާއެކު މިއުޒިކް ޕްރޮޑިއުސަރު އަންޝުލް ގަރްގް ކުރި ޓުވީޓެއްގައި ބުނީ މާދަން ސަޕްރައިޒެއް އޮންނާނެ ކަމަށެވެ. ބެލެވޭ ގޮތުގައި އެއީ މި ދެތަރިން އެކީގައި ކުޅުނު ހަތަރުވަނަ ވީޑިއޯ ލަވަ ނެރޭ ވާހަކައެވެ. ނަމަވެސް އެއަށް ރައްދުދިން އާސިމްގެ ފޭނަކު ބުނީ އެ ޙަބަރު ލިބިފައިވާ އާސިމްގެ ވަރަށް ގިނަ ފޭނުން ހިތާމަކުރާކަން އެނގޭ ކަމަށެވެ. އަދި މިއީ އާސިމާއި ހިމާންޝީ (އާސިމާންޝީ) އެކުގައި މަސައްކަތް ކުރާނެ އެންމެ ފަހު ޕްރޮޖެކްޓު ކަމަށް އެ މީހާ ބުނުމުން، ހިމާންޝީ ވަނީ ވަގުތުން އެއަށް ރައްދުދީފައެވެ.

“ކާކު ތިބާއަށް ދޮގު މައުލޫމާތު ދެނީ؟ އަހަންނާއި އާސިމް އެކީގަ އަދިވެސް ރަނގަޅު ޕްރޮޖެކްޓުތަކުގަ މަސައްކަތްކުރާނެ”، ހިމާންޝީ ދިން ރައްދު މެސެޖުގައި ލިޔެފައިވެއެވެ. ނަމަވެސް އެހެން ފޭނަކު ވަނީ ހިމާންޝީއަށް ނިސްބަތްކޮށް މަލާމަތްކޮށްފައެވެ. އެމީހާ ބުނީ، ހިމާންޝީއަށް މަސައްކަތް ލިބޭ ހަމައެކަނި ސަބަބަކީ އާސިމް ކަމަށެވެ. އަދި އަމިއްލައަށް މާ މޮޅު މީހަކަށްވެގެން ނޫޅުމަށް ބުނެފައިވެއެވެ. ހަމައެހެންމެ، ހިމާންޝީ ވަނީ އެއަށް ރައްދުދިނުމުގެ ގޮތުން ބައިވަރު ޓްވީޓުތައް ކޮށްފައެވެ.

އާސިމްގެ އިތުރު ފޭނަކު ބުނިގޮތުގައި، އާސިމާ ނުލައި ހިމާންޝީއަށް 10 މިލިއަން ވިއު ވެސް ނުލިބޭ ކަމަށެވެ. އަދި ހިމާންޝީއާ ދިމާއަށް “ފްލޮޕް އާންޓީ” އޭ ކިޔައި މަލާމަތްކޮށްފައިވެއެވެ.

ޕަންޖާބްގެ މޮޑެލް/އެކްޓްރެސް އާއި އޭނާގެ ލޯބިވެރިޔާ އާސިމްގެ ފޭނުންނާ ދެމެދު ޓްވިޓާގައި ހިނގި ބަހުސްގައި އިތުރު މީހަކު ބުނީ ހިމާންޝީ އާސިމްގެ ދިރިއުޅުމަށް ނުފޫޒު ނުފޯރުވައި އޭނާއަށް “ސްޕޭސް” ދޭންޖެހޭ ކަމަށެވެ. އަދި އާސިމް ދެރަވާ ކަމެއް ވަންޏާ ވާނީ ވެސް ހިމާންޝީގެ ފަރާތުން ކަމަށާއި، ފޭނުން އޭނާދެކެ މާބޮޑަށް ލޯބިވާ ކަމަށެވެ. މިއަށް ރައްދުދެމުން ހިމާންޝީ އެންމެފަހުން ބުނީ، އޭނާ މީގެފަހުން އާސިމްގެ ދިރިއުޅުމާ ދުރުގައި އުޅޭނެ ކަމަށެވެ.

“މިއީ އާސިމާންޝީގެ އެންމެ ފަހު ޕްރޮޖެކްޓު”، ނިންމައިލަމުން ހިމާންޝީ ހާމަކުރިއެވެ.

ނަމަވެސް 28 އަހަރުގެ ބަތަލާ އެހެން ބުނީ ހަގީގަތަކަށް ކަމެއް ޔަގީނެއް ނޫނެވެ. ބެލެވޭ ގޮތުގައި، އާސިމްގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ނަފްރަތުގެ ސަބަބުން ހިމާންޝީ ވަނީ ވަރަށް ބޮޑަށް ދެރަވެފައެވެ.

ހިމާންޝީއާއި ބިގް ބޮސް 13 ގެ ރަނަރަޕު އާސިމް ރިއާޒްގެ ލޯބި ފެށިފައިވަނީ އެ ޝޯގެ ތެރެއިންނެވެ. ނަމަވެސް އާސިމް އޭނާ ލޯބިވާކަން ހިމާންޝީއަށް ފާޅުކުރިއިރު ހިމާންޝީ އިނީ އެހެން މީހަކާ އެންގޭޖުވެސް ވެގެންނެވެ. ފަހުން އަޑުތައް އެރިގޮތުގައި، އާސިމްގެ ސަބަބުން އެންމެފަހުން އެ އެންގޭޖުމެންޓު ވަނީ ރޫޅައިލާފައެވެ. މިކަމާހެދި ޝޯގެ ހޯސްޓު ސަލްމާން ޚާން ވަނީ އާސިމާ ދިމާއަށް ވަރަށް އެއްޗެހިވެސް ކިޔައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!