ސާތު ނިބާނާ ސާތިޔާއާއެކު ގޯޕީ ބަހޫ އެނބުރި އަންނާތީ ފޭނުންތައް އުފަލުން ފޮޅެނީ!

ސްޓާ ޕްލަސް އިން ގެނެސްދިން އެންމެ ކާމިޔާބު އެއް ޑްރާމާ ސިލްސިލާ ކަމަށްވާ “ސާތު ނިބާނާ ސާތިޔާ” އަށް މި ލޮކްޑައުން ތެރޭގައި ލިބުނު ބޮޑު ތަރުހީބާއެކު، އޭގެ ދެވަނަ ސީޒަނެއް ގެނެސްދޭން އުޅޭ ވާހަކަ ދެކެވިފައިވަނިކޮށް، ގޯޕީ ބަހޫ ވެސް އެކަން ޔަގީން ކޮށްދީފިއެވެ.

ސާތިޔާ ގައި ލީޑު ރޯލު ކުޅުނު ބަތަލާ ދެވޮލީނާ ބަޓަޗަރަޖީ އޭނާގެ އިންސްޓަގްރާމްގައި މިއަދު ވަނީ އެ ޝޯގެ ދެވަނަ ސީޒަންގެ ޓީޒާއެއް ދައްކައިލަފައެވެ. ޓީޒާއިން ފެންނަނީ މަޑު ފިޔާތޮށި ކުލައިގެ ސާޅީއެއްގައި “ގޯޕީ ބަހޫ” ހިނގާލާފައި ދާ ތަނެވެ. އަދި ބެލުންތެރިންނާ ވާހަކަ ދައްކާތަން ވެސް ފެނިގެންދެއެވެ. ޓީޒާ ނިމޭ ތަންކޮޅުގައި ގޯޕީގެ މައިދައިތަ އޭނާގެ ނަމުން ގޮވައިލާ އަޑު އިވިގެން ދެއެވެ. ނަމަވެސް މައިދައިތަގެ މޫނެއް ނުފެނެއެވެ.

މި ޕޯސްޓާއެކު ކެޕްޝަންގައި ދެވޮލީނާ ލިޔެފައިވަނީ، ބެލުންތެރިންގެ ޑިމާންޑުގެ ސަބަބުން އެނބުރި އަންނަ ވާހަކައެވެ. އެންމެ ދެ ގަޑިއިރު ތެރޭގައި މި ޓީޒާ ބެލި މީހުންގެ އަދަދު ދެ ލައްކައަށްވުރެ ގިނައެވެ. އަދި ގިނަ ބަޔަކު އަންނަނީ ކޮމެންޓު ބައިގައި އުފާ ފާޅުކުރަމުންނެވެ.

ގިނަ ބައެއްގެ ލޯބި ލިބިފައިވާ މި ސިލްސިލާއާ ގުޅުވައިގެން ދާދިފަހުން މީސްމީޑިއާގައި “މީމް” ތަކެއް ވެސް ވައިރަލް ވެގެން ގޮސްފައިވެއެވެ. އެއީ މި ޝޯގައި ނުފޫޒުގަދަ މައިދަތައެއްގެ ރޯލުން ފެނިގެންދިޔަ ކޮކީލާގެ ޑައިލޮގެއް ބޭނުންކޮށްގެން މީހަކު ތައްޔާރުކުރި ރެޕް ލަވައަކާ ވިދިގެންނެވެ. “ސާތު ނިބާނާ ސާތިޔާ” ތިން އަހަރު ފަހުން އެނބުރި އަންނައިރު، އޭގައި އެންމެ މުހިއްމު ރޯލުތަކުން ފެނިގެންދިޔަ ދެވޮލީނާ (ގޯޕީ ބަހޫ) އާއި ރޫޕަލް (ކޮކީލާބެން) ހަމަ އެ ރޯލުތަކުން ފެނިގެންދާނެ ކަމަށް ޝޯގެ ޕްރޮޑިއުސަރު ރަޝްމީ ޝަރުމާ ޔަގީންކޮށްދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!