މައުސޫމްއަށް ރުހުންދޭން އަނެއްކާވެސް ކޮމިޓީން ނިންމައިފި

ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިރޭ ނިންމައިފިއެވެ.

މިގޮތަށް ފާސްވީ ކޮމިޓީއަށް ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ޑރ. މައުސޫމު އައްޔަންކުރައްވާފައި މިވަނީ ދެވަނަ ފަހަރަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މައުސޫމު ޓޫރިޒަމް މިނިސްޓަރުކަމަށް ފުރަތަމަ އައްޔަން ކުރެއްވީ މިމަހު ހަވަނަ ދުވަހުއެވެ. އެފަހަރު މައުސޫމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވުމުން ވެސް މައުސޫމަށް ރުހުން ދޭން ކޮމިޓީން ފާސްކުރިއެވެ. އަދި ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށްވެސް ފޮނުވިއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެކަމާ ގުޅޭ ގޮތުން އެކުލަވައިލާ ތަޅުމަށް ފޮނުވި ރިޕޯޓް އަނބުރާ ފޮނުވައިލީ މައުސޫމް ހުވާ ކުރެއްވި އިރު ކުންފުންޏެއްގެ އިސް މަގާމުގައި އޭނާ ހުންނެވި ކަން އެނގިގެންނެވެ. އެ މަގާމުން އޭނާ ވަކިވިކަމަށް އިކޮނޮމިކް މިނިސްޓްރީން އެންގީ އޭގެ ފަހުންނެވެ.

ރިޕޯޓް ކޮމިޓީއަށް އަނބުރާ ފޮނުވާލުމުން ކޮމިޓީން ނިންމީ މައުސޫމް އަލުން ހުވަކުރެއްވުމަށް ލަފާދިނުމަށެވެ. އެ ލަފަޔާ އެއްގޮތަށް އޭނާ ވަނީ ފަހުން ހުވާކުރައްވައިފަ އެވެ.

މައުސޫމަށް ރުހުން ދޭން ކޮމިޓީން މިރޭ ފާސްކުރީ މިއަދު އެ މައްސަލަ މަޖިލީހަށް ފޮނުއްވުމުން އެކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސީޓީ އިއްވެވުމަށްފަހު، އިތުރަަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމުން މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބަހުސް ކުރުމަށްފަހުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!