ޓޫރިސްޓުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރުމުގެ ހުއްދަ ދީފި

ރައްޖެ އަންނަ ޓޫރިސްޓުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަތުރުވެރިންނަށް “ސްޕްލިޓް ސްޓޭ” އަށް ހުއްދަ ދިނުމަށް ނިންމާފައި ވަނީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަޝްވަރާ ކުރެވި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

އެބަޔާނުގައި ބުނީ “ސްޕްލިޓް ސްޓޭ” އަށް ހުއްދަ ދިނުމަށް ނިންމާފައި ވަނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ފެތޭ ރިސޯޓުތަކުން އެޗްޕީއޭގެ ޝަރުރުތައް ފުރިހަމަކޮށް ޓޫރިޒަމް މިނިސްޓްރީއާށް ހުށަހެޅުމުން ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން މި ހުއްދަ އަށް އެދެން ޖެހޭނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓު ދިއުމުގެ ދެ ދުވަސް ކުރިންނެވެ.

ރާއްޖޭގައި ޓޫރިސްޓުން ހޭދަ ކުރާ ދުވަސްތައް އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖެއަކީ ރައްކާތެރި ގައުމެއްކަން ޓޫރިސްޓުންނަށް ކަށަވަރު ކޮށްދިނުމުގެ ގޮތުން ރާއްޖެއަށް އަންނަ ހުރިހާ ޓޫރިސްޓުން ވެސް ނެގެޓިވް ޕީސީއާރު ޓެސްޓެއް ހޯދަން ޖެހޭގޮތް ހެދުމުގެ މަސައްކަތް ވެސް ކުރައްވަމުން އަންނަ ކަމަށް މައުސޫމް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!