ވިލިނގިލީގައި ހިނގާދިޔަ ކަންތައް މިދަނީ އިތުރަށް ބަލަމުން: ޑރ ނަޒްލާ

ގދ. ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ، ގއ. ވިލިނގިއްޔަށް ނޭރުވި މައްސަލަ އިތުރަށް ބަލާނެ ކަމަށް ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ހާމަކޮށްފި އެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެފައިވަނީ ކޮވީޑް19 އަށް ޕޮޒިޓިވްވާ މީހުންނާއި މެދު ތަފާތު ގޮތަކަށް އަމަލު ނުކުރުމަށް މީގެ ކުރިންވެސް އިލްތިމާސް ކޮށްފައިވާ ކަމަށެވެ. 

ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި ހައި ރިސްކު މީހާއަށް އިތުރު ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ ވިލިނގިލީގައި ހުރި ކޮވިޑް ފެސިލިޓީއަށެވެ. ނަމަވެސް ވިލިނގިލީގައި ދިރިއުޅޭ ޕީޕީއެމްގެ އެކްޓިވިސްޓުން ވަނީ ބަނދަރަށް ނުކުމެ އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށް އެމީހާ ރަށަށް އެރުވިޔަ ނުދީ ފޮނުވާލާފައެވެ.

ހޯމަ ދުވަހު މެންދުރުފަހު ބަލި މީހާ ގޮވައިގެން ވިލިނގިއްޔަށް ދިޔަ ސީ އެންބިއުލާންސް ވަނީ އެރަށު ނެރުމަތީގައި ދެ ގަޑިއިރު ވަންދެން މަޑުކޮށްފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެކަން ހިނގާދިޔަގޮތް ބަލާ ރިޕޯޓެއް ތައްޔާރު ކުރާނެކަމަށެވެ. އަދި އެކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ޑރ. ނަޒްލާ ރަފީގް ވިދާޅުވި އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!