އޮންލައިންކޮށް ކާބޯތަކެތި ވިއްކާނަމަ ރަޖިސްޓްރީކުރަން އެދިއްޖެ

ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ، އެކަމުގެ ހުއްދަ ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެޖެންސީ އާއި ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގާ، ގަވާއިދާ ހިލާފަށް ރަޖިސްޓްރީނުކޮށް، ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތްތައް ދެމުން ގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން ރަޖިސްޓްރީ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި، ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައި އާއި އެހެނިހެން ގޮތްގޮތަށް އިޝްތިހާރުކޮށް ޑެލިވަރީގެ ހިދުމަތް ދެމުންގެންދާކަމުގެ މައުލޫމާތާއި ޝަކުވާ އެ އެޖެންސީއަށް ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުއްދަ ނެގުމަށް ވަނީ އަންގާފަ އެވެ.

އަދި ހިދުމަތް ހޯދާ ފަރާތްތަކުންވެސް ރަޖިސްޓްރީނުކޮށް ހިންގާ އެފަދަ ތަންތަނުން ހިދުމަތް ނުހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން މިހާރު ވަނީ އެފަދަ ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް ފުރުސަތު ހުޅުވާލައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!