ލަންކާ އާއި ބަންގްލަދޭޝްގެ އާ ސަފީރު ފަތްކޮޅު އަރުވައިފި

ސްރީލަންކާ އާއި ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައެޅި އާ ހައިކޮމިޝަނަރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ދެ ސަފީރުންވެސް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސަފީރުކަމުގެ ފަތްކޮޅު ވަކިވަކިން އަރުއްވައިފައެވެ.

އެގޮތުން ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ރިއާ އެޑްމިރަލް ނަޒްމުލް ހަސަންއެވެ. އޭނާއަކީ 1986 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝް ނޭވީގައި ހިދުމަތްކުރައްވަމުން އައި ބޭފުޅެކެވެ. އަދި ބަންގްލަދޭޝްގެ ނޭވީ ފްލީޓުގެ ކޮމާންޑަރުކަންވެސް އޭނާ ކުރެއްވިއެވެ.

ބަންގްލަދޭޝްގެ އާ ސަފީރު ނަޒްމުލް ހަސަނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައިވެސް ރައީސް ވަނީ ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް އަބަދުވެސް ވަމުން ގެންދާ އެހީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބަންގްލަދޭޝުން ރާއްޖެއަށް ކާނާއާއި ބޭހާއި އިކުއިޕްމަންޓް އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ފޮނުއްވީތީ އެކަމާށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ ބަންގްލަދޭޝް ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ކުރާ ފައިދާތަކުގެ ވާހަކަތައް ފާހަގަ ކުރައްވައި، މަސައްކަތްތެރިން ރެގިއުލަރައިޒްކުރުމާއި ރިޕެޓްރިއޭޓުކުރުމަށް ކުރަމުންދާ މަސައްކަތަށް ބަންގްލަދޭޝް ސަރުކާރުން ދޭ އެއްބާރުލުމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ދަތިތަކުގެ ތެރެއިންވެސް ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހީންނަށް ބަންގްލަދޭޝް ސަރުކާރުން ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުމާއި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އިސްކަން ދިނުމާ މެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ރޮހާނާ ބެއްޑާޖު އެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަކީ ރާއްޖެއާ ވަރަށް ގާތްގުޅުމެއް އޮންނަ، އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވެސް ޒަމާންވީ އެކުވެރިކަމުގެ ގުޅުންތައް އޮންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި، ކޯވިޑް ޕެންޑަމިކްގައި ރާއްޖެއަށް ސްރީލަންކާ ސަރުކާރުން ވެދެއްވާ އެހީތެރިކަމާއި އަދި ވަކިން ޚާއްޞަކޮށް ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ސްރީލަންކާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ސްރީލަންކާގެ ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލަންކާއަކީ ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވެދޭ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސައާއި ފޮރިން މިނިސްޓަރ ދިނޭޝް ގުނަވަރުދަނައާއި ލަންކާ ސަރުކާރުގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރަށް ފޮނުއްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ސްރީލަންކާގެ ސަފީރު ވަނީ އާދަކާދައާއި ޘަޤާފީ ކަންކަމުގައި ވެސް ދެ ޤައުމަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި އާދަކާދައާ ޘަގާފަތާ ގުޅޭ ދާއިރާއިން އިތުރަށް ގުޅުންބަދަހި ކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގެ އާ ސަފީރަށް މަރުޙަބާ ވިދާޅުވެ އާ ސަފީރާ އެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!