ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔަތެއްގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ.

ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ އަލީ ދެއްކެވި ވާހަކަފުޅުގައި، ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއްކަމާއި މާތް ﷲ ގަންދީ ހުވާކޮށްގެންހުރެ ހުވަޔާއި ޚިލާފުވެއްޖެނަމަ އެކަމުގެ ގެއްލުން އެމީހަކަށް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ފުލުހުންވެސް ފުލުހުންގެ ހުވަޔާ އެއްގޮތަށް މަސައްކަތްކޮށް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭޙަތްތެެރިވެ ލެއްވިއެވެ.

މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތަށް އަލަށް ގުޅުނު 21 ފުލުހުންނެވެ. އެއީ 15 ފުލުހުންނާއި، ސްޕެޝަލް ކޮންސްޓަބިއުލަރީ 6 ފުލުހުންނެވެ. މިރަސްމިއްޔާތުގައި ހުވާކުރުމަށްފަހު ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!