ވިލިގިއްޔަށް ނޭރުވުމުން ކޮވިޑް-19 ގެ ބަލި މީހާ ގޮވައިގެން އެނބުރި ތިނަދޫއަށް

  • ގދ. ތިނަދޫން ކޮވިޑް-19 ޖެހުނު ބަލި މީހާ، ގއ. ވިލިގިއްޔަށް ނޭރުވުމުން، އެ މީހާ އަނބުރާ ތިނަދޫއަށް ގެންގޮސްފިއެވެ.

ހުވަދު އަތޮޅުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ގެންދަން ހަމަޖައްސާފައި ވަނީ ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް-19 ފެސިލިޓީއަށެވެ. އެހެންވެ ތިނަދޫއިން ޕޮޒިޓިވްވި މީހާ މިއަދު ހެނދުނު 11:30 ހާ އިރު ސީއެމްބިއުލާންސްގައި ވިލިނގިއްޔަށް ގެންދިޔަ އެވެ. ނަމަވެސް ބަލި މީހާ ރަށަށް އަރުވަން ދެކޮޅު ހަދައި ބަޔަކު މުޒާހަރާ ކުރާތީ އޭނާ ރަށަށް ނޭރުވުނެވެ.

އެ މީހާ ދެ ގަޑިއިރާ ބައި ވަންދެން ރަށަށް ނޭރުވި، ސީއެމްބިއުލާންސް ރަށު ނެރު ބޭރުގައި އޮތުމަށް ފަހު އަނބުރާ ތިނަދޫއަށް ފުރާފައިވާ ކަމަށް ވިލިނގިލީ ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހުމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް ދެ ގަޑިއިރާ ބައި ވަންދެން ރަށަށް ނޭރި ހުރުމަށް ފަހު އަނބުރާ ތިނަދޫއަށް ފުރީ ވިލިނގިއްޔަށް އަރަން ބަލި މީހާ ބޭނުން ނުވުމުންނެވެ.

ތިނަދޫއިން ޕޮޒިޓިވްވި މީހާ އަކީ 68 އަހަރުގެ މީހެކެވެ. އުމުރުން 65 އަހަރުގެ މީހުންނަށް ފަރުވާދޭން ޖެހެނީ ފެސިލިޓީތަކުގައި ބައިތިއްބައިގެންނެވެ.

ވިލިނގިލީ ކައުންސިލުގެ ރައީސް ވިދާޅުވީ، މުޒާހަރާ ކުރަމުން ދަނީ ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ކަމަށެވެ. އަދި އެއީ ސިޔާސީ މަގުސަދެއްގައި ކުރަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!