ތަކުރާރުކޮށް ޤާނޫނާ ހިލާފުވުމުން ޕީޕީއެމް އަދި ޕީއެންސީ 75000 ރުފިޔާއިން ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީގެ ޤާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، އާންމު ސިޔާސަތު ރައްކާތެރިކުރުމުގެ ޤާނޫނާއި ތަކުރާރުކޮށް ޚިލާފްވެފައިވާތީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަން 75،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީތަކުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅައި ޚާއްސަ ޤާނޫނެއް އެކުލަވާލާފައިވާކަމަށެވެ. ކޮންމެ ސިޔާސީ ޕާޓީއެއްވެސް ޤާނޫނަށް ފުރިހަމައަށް ބޯލަނބަންޖެހޭއިރު، އެކި ހަރަކާތްތަކާއި ގުޅިގެން ޚާއްސަކޮށް މިހާލަތުގައި އެޗްޕީއޭއިން އަންގާ އެންގުންތަކަށް ބޯލެނބުމަކީ ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ ކަމެއްކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިހާލަތުގައި، ޤާނޫނުތަކާއި ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަން އެކި ފަހަރުމަތިން ތަކުރާރުކޮށް އެންގި ނަމަވެސް އެކަމަށް ބޯނުލެބުމާއި ގުޅިގެން މިއަދު އެ ކޯލިޝަން 75،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

“ސިޔާސީ ޕާޓީގެ ޤާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، އާންމު ސިޔާސަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާއި ތަކުރާރުކޮށް ޚިލާފްވުމާއި، ގުޅިގެން ޕީޕީއެމް ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފި” އިލެކްޝަން ކޮމިޝަންގެ ޓްވީޓްގައި ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މަނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!