މިފްކޯ ހިންގުމަށް މިއަހަރު ސަރުކާރުން ފައިސާއެއް ނުދޭ: މިނިސްޓަރ ޒަހާ

މިފްކޯގެ ހިންގުމަށް ސަރުކާރުން މިހާރު އެއްވެސް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ނުޖެހޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މީގެކުރިން ސަރުކާރުން މިފްކޯ ހިންގުމަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، މިއަހަރު މިފްކޯއަށް ދައުލަތުން މާލީ އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާކަމަށެވެ.

“މިފްކޯއަށް މަސް ގަންނަން ދައުލަތުން ޚަރަދު ކުރައްވާ އެކަމަކު މިއަހަރަކު ދައުލަތަކުން މިފްކޯއަކަށް އެއްވެސް ފައިސާއެއް ނުދޭ. މިފްކޯއިން އަމިއްލައަށް ކަންކަން މެނޭޖް ކުރަނީ” ޒަހާ ވިދާޅުވިއެވެ.

މިފްކޯއާއި ގުޅޭގޮތުން މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޒަހާ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަ އަގުތަކާއި މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގުތަކާ އަޅާކިޔާއިރު، އެކުންފުނިން މަސް ގަންނަނީ ގެއްލުމުގައި ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 12 މަސްދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު މިފްކޯއިން މަސް ގަންނަމުން އަންނަނީ ކޮންމެ ކިލޯއަކުން 3 ރުފިޔާ ނުވަތަ 4 ރުފިޔާގެ ގެއްލުމުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފްކޯ ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެކުންފުނި ޕްރައިވެޓައިޒް ކުރެއްވުމުގެ ވިސްނުން ހުރިތޯ މެމްބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ރައްޔިތުންނާ އެހާ ގުޅުންހުރި ކުންފުންޏެއް ޕްރައިވެޓައިޒް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!