ޕީރިއަޑް ޗުއްޓީއަށް ތާއީދެއް ނުލިބުނު

ސަލާމުގެ އިތުރުން އަންހެން މުވައްޒަފުންނަށް މައްސަރު ޗުއްޓީއެއް ދޭން ލާޒިމުކުރާ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ގެންނަ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ މެންބަރުންގެ ތާއީދެއް ނުކުރި އެވެ.

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ އަދި އިގުތިސޯދީ ޖޮއިންޓް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާހުގައި ބުނީ ހައިލުގެ ދުވަސްތަކުގައި އަންހެން މުވައްޒަފުން އުފުލާ ތަކުލީފުތައް ގަބޫލުކޮށް އެކަމަށް ހާއްސަ ޗުއްޓީއެއް ދިނުމަކީ ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގައި މިހާރު ގަބޫލުކޮށް، އަމަލު ކުރަމުންދާ އުސޫލެއް ކަމަށެވެ.

އެގޮތުން، ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާއަށް ސިރާޖު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، ސަލާމުގެ ޗުއްޓީގެ އިތުރުން، އަންހެން މުވައްޒަފުންގެ މައްސަރު ދުވަސްތަކުގައި މުސާރަ ލިބޭ ގޮތަށް މަހަކު އެއް ދުވަސް ދޭން ލާޒިމުވާނެ ކަމަށެވެ.އަދި އެ ޗުއްޓީއަށް އެދޭ މުވައްޒަފުން، ހައްގުކަން ސާބިތު ކޮށްދޭން އެއްވެސް ލިއުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން، ކޮންމެ މަހަކު އަންހެން މުވައްޒަފުންނަށް ހައްގުވާ އެ ޗުއްޓީ ބޭނުން ނުކޮށް، ވަޒީފާއަށް ނުކުންނަނަމަ، ކޮންމެ މަހަކަށް ދެވޭ މުސާރައިގެ އިތުރުން، މަހެއްގެ އަސާސީ މުސާރައިން އެއް ދުވަހަށް ޖެހޭ މިންވަރު އެ މުވައްޒަފަކަށް ދޭންޖެހޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި އެ އިސްލާހު ރޭ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެންބަރުން މެދުގައި ނެގުނު ވޯޓުގައި ފާހެއް ނުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!