ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އައު ޑިރެކްޓަރުންގެ ބޯޑު އައްޔަންކޮށްފިއެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަންކޮށްފައިވަނީ މިއަދު ބޭއްވި އެ ކުންފުނީގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ ފަހިވޯޓް މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންނާއި، އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުންވެސް ވަނީ އައްޔަންކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް އައްޔަންކޮށްފައިވަނީ،
– ސީއީއޯ އަދި އެމްޑީ ޓިމޮތީ ސޯޔާ
– ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން
– ޖުވޭރިޔާ ސައީދު
– ސަނާ މަންސޫރު
– ނަޖީމް އިބްރާހިމް ޒަކަރިއްޔާ
– ހުސައިން ތައުފީޤް އަލީ
– އަބްދުﷲ ހަސަން

އާންމު ހިއްސާދާރުންގެ ފަރާތުން 3 ބޭފުޅަކު ވަނީ ބީއެމްއެލްގެ ބޯޑަށް އައްޔަންކޮށްފައެވެ. އެ ބޭފުޅުންނަކީ، މުޙައްމަދު އަބްދުއްސައްތާރާއި، އިބްރާހިމް މުޙައްމަދާއި، އަޙްމަދު މުޙައްމަދެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް 5 ބޭފުޅަކު ކުރިމަތިލިއެވެ. ނަމަވެސް 2 ބޭފުޅަކު ވަނީ ނަން އަނބުރާ ގެންގޮއްސައެވެ.

ބީއެމްއެލްގެ ހިއްސާއަކަށް 26 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. ހިއްސާއަކަށް 26 ރުފިޔާގެ މަގުން ޖުމްލަ 139 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ވަނީ ނިންމާފައެވެ. ހިއްސާގެ ފައިދާ ލިބޭނީ 18 އޮގަސްޓްގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމޮތީ ސޯޔާ ވަނީ މިދިޔަ އަހަރަކީ ކުންފުންޏަށް ކާމިޔާބު އަހަރެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރު 15000 އަށްވުރެ ގިނަ އައު ކަސްޓަމަރުން ބީއެމްއެލްގެ ޙިދުމަތައް ހޯދަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!