ހަދަންޖެހޭ ހުރިހާ ގަވައިދެއް މިހާރު ވަނީ ގެޒެޓު ކުރަން ފޮނުވާފައި: ޒަހާ

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ވުޖޫދުވި މަސްވެރިކަމުގެ އާ ގާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވައިދެއް ބަންޑާރަ ނައިބުގެ އޮފީސް މެދުވެރިކޮށް މިހާރު ގެޒެޓު ކުރަން ފޮނުވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރ. މަޑުއްވަރީގައި އަޅާ އައިސްޕްލާންޓާ ގުޅޭ ގޮތުން ޖަވާބު ދެއްވަން މިއަދު މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންފައިވާއިރު، އެ ގަވައިދުތަކާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިދިއަ މަހު 14 ވަނަ ދުވަހު އެ ގަވައިދުތައް ގެޒެޓް ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

“މިހާރު ކުރަމުންދާ މައްސަކަތަކީ އިދާރީ މަސައްކަތްތަކެއް ކަމުގައިވާތީ އެއީ މިނިސްޓްރީއާ ގުޅުންހުރި މަސައްކަތްތަކެއް ނޫން ކަމުގައި ދަންނަވަން،” ޒަހާ ވިދާޅުވި އެވެ.

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ވުޖޫދުވި މަސްވެރިކަމުގެ އާ ގާނޫނުގައި ބުނާ ގޮތުން އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ޝާއިއު ކުރަން ޖެހެ އެވެ. ނަމަވެސް، އެ މުއްދަތުގައި އެ މަސައްކަތް ކުރެވިފައި ނުވާތީ، މަޖިލީހުގެ ގަވާއިދު ކޮމިޓީން އެ މައްސަލަ ބަލައި ޒަހާގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ނުވާ ކަމަށް ކަނޑައެޅި އެވެ.

އަދި އޭގެ ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިނިސްޓަރު ޒަހާ ފޮނުއްވި ސިޓީއެއް މެދުވެރިކޮށް މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ހަ ގަވާއިދު އެކުލަވާލާއި ނިންމާފައިވާ ކަމަށާއި އޭޖީގެ އޮފީހަށް އެ ގަވާއިދުތައް ރިވިއުކުރަން ފޮނުވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ނަމަވެސް، މިހާތަނަށް އެ ގަވައިދުތައް ގެޒެޓުކޮށްފައި ނުވާއިރު، މިދިއަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!