ޕީރިއަޑްވުމާއި ގުޅިގެން ޗުއްޓީދޭން ލާޒިމްވާގޮތަށް ގާނޫނަށް އިސްލާހު ހުށައަޅައިފި

ސަލާމުގެ އިތުރުން އަންހެން މުވައްޒަފުންނަށް މައްސަރު ޗުއްޓީއެއް ދޭން ލާޒިމުކުރާ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ އަދި އިގުތިސޯދީ ޖޮއިންޓް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާހުގައި ބުނީ ހައިލުގެ ދުވަސްތަކުގައި އަންހެން މުވައްޒަފުން އުފުލާ ތަކުލީފުތައް ގަބޫލުކޮށް އެކަމަށް ހާއްސަ ޗުއްޓީއެއް ދިނުމަކީ ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގައި މިހާރު ގަބޫލުކޮށް، އަމަލު ކުރަމުންދާ އުސޫލެއް ކަމަށެވެ.

އެގޮތުން، ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާއަށް ސިރާޖު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، ސަލާމުގެ ޗުއްޓީގެ އިތުރުން، އަންހެން މުވައްޒަފުންގެ މައްސަރު ދުވަސްތަކުގައި މުސާރަ ލިބޭ ގޮތަށް މަހަކު އެއް ދުވަސް ދޭން ލާޒިމުވާނެ ކަމަށެވެ.

އަދި އެ ޗުއްޓީއަށް އެދޭ މުވައްޒަފުން، ހައްގުކަން ސާބިތުކޮށްދޭން އެއްވެސް ލިއުމެއް ހުށަހަޅަން ނުޖެހޭނެކަމަށްވެސް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން، ކޮންމެ މަހަކު އަންހެން މުވައްޒަފުންނަށް ހައްގުވާ އެ ޗުއްޓީ ބޭނުންނުކޮށް، ވަޒީފާއަށް ނުކުންނަނަމަ، ކޮންމެ މަހަކަށް ދެވޭ މުސާރައިގެ އިތުރުން، މަހެއްގެ އަސާސީ މުސާރައިން އެއް ދުވަހަށް ޖެހޭ މިންވަރު އެ މުވައްޒަފަކަށް ދޭންޖެހޭނެކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.

މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު، ސަރުކާރުން ވަނީ 2018 ވަނަ އަހަރުގެ ފަހު ކޮޅު ޕެޑުން ނަގަމުން އަންނަ ޖީއެސްޓީ ކަނޑާލައިފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!